ކޯވިޑް-19 ފެތުރޭ މިންވަރު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވުމުން ޖަޕާނުގެ ވެރިރަށް ޓޮކްޔޯގައި އިންޒާރުގެ ދަރަޖަ މަތިކޮށްފިއެވެ.
ޓޮކްޔޯގައި ފާއިތުވި 7 ދުވަހުގެ ތެރޭގައި ދުވާލަކު 200އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ޓޮކްޔޯގެ ގަވަރުނަރު ޔުރިކޮ ކޮއިކޭ ވިދާޅުވީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި ޢާންމުންނާއި ވިޔަފާރިތަކަށް އިންޒާރާއި ނަޞޭޙަތްދިނުން މުހިންމުވެފައިވާކަމަށެވެ. އެގޮތުން އެ ސަރަޙައްދުގެ އިންޒާރުގެ ދަރަޖަ އެންމެ މަތިކޮށް، ރަތް އިންޒާރުވަނީ ދީފައެވެ. އެއާއެކު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެދެވޭ ގޮތަކަށް އަޅާފައިނުވާ ރެސްޓޯރަންޓުފަދަ ތަންތަނުން ޚިދުމަތް ނުހޯދުމަށް ގަވަރުނަރު ކޮއިކޭވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޓޮކްޔޯގައި ބައްޔަށް ތަހުލީލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި ޔުނިވަސިޓީތަކުގައި ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ހިފާނެކަމަށެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޖަޕާނުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން ފާއިތުވި 10 އަހަރުގެ ތެރޭގައި ދަށަށްނުދާ މިންވަރަށް އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ، ދަށަށްދާނެކަމަށްވަނީ ބެލެވިފައެވެ. ކުރިއަށް އޮތް ތަނުގައި ޓޮކްޔޯގައި ބަލިފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ ބިރަށް އެ ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި އެތެރޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގަމުންދާ ޚާއްޞަ ޙަރަކާތްތައް މެދުކަނޑާލުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
ޖަޕާނުގެ އިޤްތިޞާދާބެހޭ ވަޒީރު ޔަސުޓޮޝި ނިޝިމުރަ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެފަދަ ޙަރަކާތްތައް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި އެ ޙާރަކާތްތަކުގެ ދަށުން ޢާންމުންނަށް ކާބޯތަކެއްޗާއި ޢާންމު ބޭނުންތަކަށް ބޭނުންވާ ސާމާނުގެ އަގު ދަށްކުރުމަށް ނިންމާފައިވާކަމަށެވެ.
ޖަޕާނުގައި މިހާތަނަށް 22،508 މީހުންނަށް ކޯވިޑް-19 ޖެހި، 984 މީހުންވަނީ މަރުވެފައެވެ. ޓޮކްޔޯގެ އިތުރުން ޖަޕާނުގެ ބައެއް އެހެން ސަރަޙާއްދުތަކުގައި ބަލި ފެތުރޭ މިންވަރުވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން އޮސާކާގައި ބަލި ފެތުރޭ މިންވަރުވެސްވަނީ އިތުރުވެފައެވެ.