ކުޅިވަރު

ކޯނޭ މާޒިޔާގައި މަޑުކުރަން ނިންމައިފި


ރާއްޖޭގެ ޗެމްޕިއަން މާޒިޔާއަށް ކުޅެމުން އަންނަ ސެއިން ވިންސެންޓްގެ ފޯވާޑް ކޯނޭލިއަސް ސްޓެވާޓް މާޒިޔާގައި މަޑުކުރަން ނިންމައިފިއެވެ.

ކޯނޭ މާޒިޔާގައި މަޑުކުރަން ނިންމީ އޭއެފްސީކަޕްގެ ޕްލިމިނަރީ ބުރުގައި މާޒިޔާއަތުން ބަލިވި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ހުށަހެޅުން ދޫކޮށްލުމަށްފަހުއެވެ.

ކުރިން ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅުނު ކޯނޭއަކީ ފާއިތުވި ދެސީޒަންގައިވެސް މަޒިޔާގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެގޮތުން އޭނާވަނީ އެންމެފަހުން ބޭއްވި މޯލްޑިވްސް ފޫޓްބޯލަ އެވޯޑްސްގައި، ދިވެހި ލީގުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ފޯވާޑް ކަމުގެ މަގާމު ހޯދާފައެވެ. އޭނާވަނީ ފާއިތުވި ސީޒަންގައި މާޒިޔާއަށް 18ގޯލު ކާމިޔާބުކޮށްދީފައެވެ.

އެމެރިކާގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ އިތުރުން ފިންލޭންޑުގެ ކުލަބުތަކަށް ކުޅުނު ކޯނޭ މާޒިޔާގައި ދެއްކި މޮޅު ކުޅުމާއިއެކު ސަރަހައްދީ ބޮޑެތި ބައެއް ކުލަބުތަކުން އަނަނީ އޭނާއަށް ފާރަލަމުން. އެގޮތުން އިންޑިއާގެ މިނެރްވާ ޕަންޖަބީ އާއި ބްނަގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ފާހަގަކޮށްލެވެއެވެ.

އަންނ ސީޒަންއަށް ތައްޔާރުވާން އެންމެ ކުރީބައިގަ މަސައްކަތްފެށި އެއް ކުލަބަކީ ޗެމްޕިއަން މާޒިޔާއެވެ. އެގޮތުން އެޓީމުން އަންނަނީ ތަޖުރިބާކާރު ދެކޯޗުން ކަމަށްވާ ނިޒަމްބެ އާއި މޯހަން އާއެކު މަޝްވަރާކުރަމުންނެވެ.
އެފްއޭއެމްއިން މިހާރު ނިންމާފައިވާގޮތުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށާނީ މިއަހަރުގެ ޑިސެންބަރު މަހުގައެވެ.