ޕެރޫގެ ސަރުކާރުގެ މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ކޯވިޑް-19ގެ ސަބަބުން ޕެރޫގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން ރައީސް މާރުތިން ވިޒުކައްރާއަށް އޮތް ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެއާއެކު ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތައް ގެންނަވަން އޭނާއަށްވަނީ މަޖުބޫރުވެވަޑައިގެންފައެވެ. އެގޮތުން ބޮޑުވަޒީރުގެ މަޤާމަށް ޤާނޫނީ ވަކީލެއްކަމަށްވާ ޕެދުރޯ ކަތެރިއާނޯ އިސްކުރައްވާ ޙަކަތައާބެހޭ ވުޒާރާއަށް އިޤްތިޞާދީ މާހިރެއްކަމަށްވާ ރަފައެލް ބެލައުންޑެވަނީ އިސްކުރައްވާފައެވެ. އަދި އިޤްތިޞާދީ ވަޒީރުގެ މަޤާމުގައި ހުންނެވި މާރިޔާ އަންތޮނިއޭތާ އަލްވާގެ މަޤާމަށް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ.
ޕެރޫއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ރަތުލޯ އުފައްދާ ޤައުމެވެ. ކޯވިޑް-19ގެ ސަބަބުން އެ ޤައުމަށްވަނީ ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައެވެ. މާރިޗު މަހުގެ ތެރޭގައި އެ ޤައުމު ފުރަބަންދުކުރިނަމަވެސް އެ ޤައުމަކީ ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޤައުމެވެ. ކޯވިޑް-19ގެ ސަބަބުން ބިމުން މައުދަނު ނެގުމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދުވަނީ އިންދަޖެހިފައެވެ. މިދިޔަ އަހަރުގެ މެއި މަހަށްވުރެ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދު 32.75 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ ޤައުމުން ކުރިންވަނީ ބުނެފައެވެ. އެއީ އެ ޤައުމުގެ އިޤްތިޞާދު ދަށަށްގޮސްފައިވާ ތިންވަނަ މަހެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެ ޢާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ ޞިއްޙަތާބެހޭ ވަޒީރުވެސްވަނީ މަޤާމުން ދުރުކޮށްފައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ސާޖަރީ ޑޮކްޓަރެއްކަމަށްވާ ޕިލާރު މައްޒެއްތީއެވެ. އޭނާއަކީ މީގެ އަހަރުތަކެއްކުރިންވެސް ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ރައީސް ވިޒުކައްރާ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއެކު ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރައްވާނެކަމަށާއި ޤައުމުގެ ޙާލަތު ރަނގަޅުކުރަން އިތުރަށް މަސައްކަތްކުރައްވާނެކަމަށެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ ޕެރޫގެ ރައީސަށް އޮތް ތާއީދު 65 އިންސައްތައަށް ދަށްވެފައިވާ ދަނޑިވަޅެއްގައި އަލަށް ޢައްޔަނުކުރެއްވި ތަޖުރިބާކާރު ބޮޑުވަޒީރުގެ ސަބަބުން ސަރުކާރަށް ކުރިއެރުން ލިބޭނެކަމަށް ބެލެވޭކަމަށެވެ.