ޚަބަރު

ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ނިސްބަތް ވަނީ ރިޒްކުންފުންޏަކަށް ނޫން: ވަކީލު


މިމަހުގެ 2 ވަނަދުވަހުގެ ރޭ ބޮޑު ފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، އެރަށުގައި މަސައްކަތް ކުރަމުންދިޔަ މީހުންނާ ތަކެތި އެރަށުން ބޭލުމަށް ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަކީ އިޖުރާއީ ނުކުތާތަކަށް ނުބަލާނެރެފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު ތަންފީޒު ނުކުރާނެކަމަށް މި އަމުރު ރައްދުވާ ރިޒް ކުންފުނިންބުނެފިއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނާއި ތަކެތި އެރަށުން ބޭލުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް، ރިޒް ކުންފުނީގެ މައްޗައް ސީލް ކުންފުނިން ކޮށްފައިވާ ދައުވާ އާއި ގުޅިގެން، ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. މިއަމުރާއި ގުޅިގެން މައްސަލަ ރައްދުވާ ރިޒް ކުންފުނީގެ ވަކީލުންގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރާ، "ލޯ ކްރާފްޓް" ބުނީ އެފަރާތުން ކޯޓަށް މައްސަލަ އާއި ގުޅިގެން އިޖުރާއީ 6 ނުކުތާއެއް ހުށައަޅާފައިވާނެކަމަށާއި، ނަމަވެސް ކޯޓްގެ މެޖިސްޓްރޭޓް ވަގުތީ އަމުރު ނެރެފައި ވަނީ އޭގެތެރެއިން އެއްނުކުތާއަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ވަގުތީ އަމުރުގައި ރައްދުވާ ފަރާތުގެ ނަންވެސް އޮތީ ނުބައިކޮށް ކަމުގައި "ލޯ ކްރާފްޓް" އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަގުތީ އަމުރެއް ނެރުމަށް މިމަހުގެ 15 ވަނަދުވަހު ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަމުރު ނެރެފައިވަނީ ރިޒް ކުންފުނީގެ ތަކެތި ބޭރުކުރުމަށް ކަމަށް ބުނިނަމަވެސް، އަމުރުގައި އޮތް ކުންފުނީގެ ނަމަކީ އެކުންފުނީގެ ނަން ނޫންކަމުގައިވެސް "ލޯ ކްރާފްޓް" އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދައުވާއަށް އިންކާރުކޮށް އަދި ވަގުތީ އަމުރު ތަންފީޒު ކުރުމަށް ދެކޮޅުހަދައި އެކުންފުނިން ނެރެފައިވާ ބަޔާނުގައި އެންމެ ބޮޑަށް ސުވާލު އުފައްދާފައި ވަނީވެސް ކުންފުނީގެ ނަން ވަގުތީ އަމުރުގައި ނުބައިކޮށް ލިޔެފައިވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ޝަރީއަތް ކުރިއަށްދިޔަ ވަގުތުގެ ވަކިހިސާބަކުން ވީޑިއޯއާއި އަޑު ކެނޑުނުކަމަށްވެސް މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ބޮޑު ފިނޮޅުގެ މައްސަލައިގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މައްޗައް އަމުރެއް ނެރެފައިވާކަން އެނގުނީ މީޑިއާތައް މެދުވެރިކޮށްކަމަށާއި، މިމައްސަލައަކީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބެލުމުގެ އިޚުތިޞާސް އޮތް މައްސަލައެއް ނޫންކަމުގައިވެސް "ލޯ ކްރާފްޓް" އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑު ފިނޮޅުގައި ހަމަނުޖެހުން ހިންގާފައި ވަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ 6 މަސް ދުވަސް ވުމުން އެމީހުން މުސާރަ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ހަމަނުޖެހުންތަކުގައި ސީލް ކުންފުނީގެ ގިނަ މުދަލަށް ގެއްލުންތައް ދީފައިވާއިރު، ރިޒްކުންފުނިން ވަނީ، ހަމަނުޖެހުން ހިންގި ބިދޭސީންނާއި ހަވާލުވާންވެސް ދެކޮޅު ހަދާފައެވެ.