ޚަބަރު

ބާރަށުގެ ގެއެއްގައި އަލިފާން ރޯވެ އަނދައިފި


ހއ ބާރަށު ގެެއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ އެރަށު އޭސިއާ ގޭގައި ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށެވެ. އަލިފާން ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މައިގެއާއި ވަކިން ހުރި އެގޭގެ ކޮޓަރިބަރިއެއްގައި ކަމަށެވެ. މިގޮތުން ފުރަތަމަ އަލިފާން ރޯވެފައި ވަނީ، އެގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ކޮޓަރިއެއްގައި ކަމަށާއި އެތަނުގައި ކަރަންޓްވެސް ނުހުންނަ ކަމަށް ގޭގެ ވެރިފަރާތުން ބުނާކަމަށެވެ.

އެގޭގެ އަލިފާން ރޯވި ކޮޓަރިބަރި ބޭނުން ނުކުރެވޭވަަރަށް މުޅިން ހަލާކުވެފައިވާ ކަމަށާއި، ފާރުތައްވެސް ވަރަށް ބޮޑަށް ރެނދު އަޅައި ހަލާކުވެފައިވާކަމުގައިވެސް ކައުސިލްގެ ރައީސް ވިދާޅުވިއެވެ.

އަލިފާން ރޯވި އޭސިއާ ގޭގައި ދިރިއުޅެމުން ދިޔައީ ދެމަފިރިއަކާއި އެމީޙުންގެ ދަރިންކަމަށާއި އެމީހުން މިހާރު ދިރިއުޅެމުން ދަނީ އެގޭގެ އެހެން ބައެއްގައި ކަމުގައިވެސް ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވިއެވެ.

މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ.