ވިޔަފާރި

މަޝްހޫރު އެތައް ބައެއްގެ ޓްވިޓަރ އެކައުންޓްތަކެއް ހެކްކޮށް، ބޮޑު ވައްކަމެއް


ބިލިއަނަރުންނާއި ނަން މަޝްހޫރު ބޮޑެތި އެތައް ބައެއްގެ ޓްވިޓަރ އެކައުންޓްތައް ހެކްކޮށް، ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ކުރާ ބިޓްކޮއިން މެދުވެރިކޮށް ބޮޑު ވައްކަމެއް ހިންގައިފިކަމަށް ޓްވިޓަރއިން ހާމަކޮށްފިއެވެ.

ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރުން ސިފަކުރާ ގޮތުގައި މިއީ ތާރީހުގައިވެސް ޓްވިޓަރ އެކައުންޓްތަކެއް ހެކްކޮށް ހިންގި އެންމެ ބޮޑު ޖަރީމާކަމަށެވެ.

މިހާތަނަށް ހިންގި އެންމެ ބޮޑު ޓްވިޓަރ ހެކްގައި، އެލަން މަސްކް، ޖެފް ބޭޒޯސް، ބިލް ގޭޓްސް، މައިކަލް ބްލޫމްބާގް އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ޑެމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކެނޑިޑޭޓް ޖޯ ބައިޑަން އަދި މަޝްހޫރު ލަވަކިއުންތެރިޔާ ކާންޔޭ ވެސްޓް އަދި އޭނާގެ އަންހެނުން އަދި ރިއާލިޓީ ޓީވީ ސްޓާ ކިމް ކަޑާޝިއަންގެ ޓްވިޓަރ އެކައުންޓްތައް ވަނީ ހެކްކޮށްފައެވެ. މީގެއިތުރުން އެޕަލް އަދި އޫބާގެ ޓްވިޓަރ އެކައުންޓްވެސް މިކަމުގެ ތެރޭގައި ހެކްކުރިއެވެ. މަޝްހޫރު އެކައުންޓްތަކުގެ އިތުރުންވެސް މިލިއަނުން ފްލޮވަރުން ތިބި އެތައް އެކައުންޓްތަކެއް ވަނީ ހެކްކޮށްފައެވެ.

ޓްވިޓަރއިން ބުނީ މިކަން ހިނގީ ކުޑަ ވަގުތުކޮޅަކަށްކަމަށާއި، އެކައުންޓްތައް ހެކްކުރުމަށްފަހު މީސްމީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށެވެ. އަދި ފައިސާ ހޯދުމަށް ބޭނުންކޮށްފައިވަނީ ޑިޖިޓަލް ކްރިޕްޓޯ ކަރަންސީ ބާވަތެއްކަމަށްވާ ބިޓްކޮއިންކަމަށް ޚަބަރުތައް ބުނެއެވެ.

ޓުއިޓަރގެ ސީއީއޯ ޖެކް ޑޯސޭވެސް ވަނީ މިއީ ވަރަށް ދެރަކަމެއް ކަމަށާއި، މިކަމަށްޓަކައި ހުރިހާ ފަރާތެއްގެ ކިބައިން މާފަށް އެދިފައެވެ. ޓުވިޓަރއިން ބުނީ މިއީ އެކުންފުނީގެ އިންޓާނަލް ސާރވާ ތެރެއަށް ބަޔަކު ވަދެ ދިން ބޮޑު ސައިބަރ ހަމަލާއެއްކަމަށެވެ. ނަމަވެސް މިކަން މިހާރު ކޮންޓްރޯލްކޮށްފައިވާކަަމަށް ޓްވިޓަރއިން ބުނެއެވެ.

މިއެޓޭކް އައި ވަގުތު ޓުއިޓަރގެ ބައެއް އެކަންޓްތައް ސްޓަކްވެ، ޕާސްވޯޑް ބަދަލުނުކުރެވި، ތަފާތު ކަންތައްތަކާ ދިމާވިއެވެ. އަދި މިޓުވިޓްތައް މިއީ ސައިބަރ އެޓޭކެއްކަން އެނގުމުގެ ކުރިން އެތައް ބައެއް މީގެ މަޅީގައިޖެހި ޓުވިޓުގައި އިން އެކައުންޓައް ފައިސާ ޖަމާކުރިކަމަށް ސައިބަރ ސެކިއުރިޓީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ބިޓްކޮއިން މެދުވެރިކޮށް މިފަދަ ޖަރީމާތައް ވަރަށް ގިނައިން ހިންގައެވެ. އެއީ ޑިޖިޓަލް ފައިސާ މުއާމާލާތްތައް ހިންގުމަށް ބޭނުންކުރާ މިފައިސާއަކީ ޓްރޭސްކުރުމަށް ދަތި އެއްޗަކަށްވާތީއެވެ. އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިގެ ސައިބަރ ސެކިއުރިޓީ ޑިޕާޓްމަންޓުންވެސް ދަނީ މިކަން ބަލަމުންނެވެ. މިކަމުގެ ސަބަބުން ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ހިންގާ މިފަދަ ކެންޕެއިންތަކާމެދު އާންމުންގެ މެދުގައި ވަނީ ޝައްކު އުފެދިފައެވެ.