ވިޔަފާރި

ކޯވިޑް-19އާ ގުޅިގެން އެމްއޭސީއެލަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް


ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުކުރުމަށް ހުއްޓުމެއް އައުމާއި ގުޅިގެން އެމްއޭސީއެލަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އެކުންފުންޏަށް އާމްދަނީ ލިބެން އޮތް ހުރިހާ ދާއިރާއަކުންވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ ކަމަަށެވެ.

ހަސަން ފާހަގަކުރެއްވި ގޮތުގައި ކޯވިޑް-19އާ ގުޅިގެން ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭނުންކުރާ އެއަރލައިންތަކުގެ އަދަދު ފެބްރުއަރީމަހުން ފެށިގެން ދަށަށްދާން ފަށާފައިވާކަމަށެވެ. އަދި 110 ދުވަހަށް ބޯޑަރު ބަންދު ކުރުމާއެކު އެއަރޕޯޓު ހުއްޓުމަކަށް އައިކަން ހަސަން ފާހަގަކުރެއްވިއެވެ.

"ކޯވިޑް-19ގެ އަސަރުކުރަން ފަށައިފި.ފެބްރުއީމަހުން ފެށިގެން، އެއަރޓްރެފިކް މޫވަމަންޓުވެސްވަނީ ފެބްރުއަރީމަހުވަނީ %1 ދަށްވެފައި، މަރޗުމަހު %39، އޭޕްރީލްމަހު 96% ދަށެވެފަވޭ، އަދި ފަސިންޖަރުންގެ އަދަދުވެސްވަނީ މާރޗުމަހު %50ވަނީ ދަށްވެފައި،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެއަރޕޯޓު ބޭނުންކުރާ އެއަރލައިންތަކުގެ އަދަދު ދަށަށް ދާން ފެށުމާއެކު މަތިންދާ ބޯޓުތަކަށް ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީއާއި، ޑިއުޓީފްރީން ލިބުނު އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިއާއެކު ކުންފުނީގެ ޖުމްލަ އާމްދަނީ މޭމަހު 86 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

"ފިއުލް ކޮންސަންޕްޝަން ވަނީ އޭޕްރިލްމަހު %94 ދަށްވެފައި، ކާގޯ ޓަނޭޖަސްވަނީ އޭޕްރީލްމަހު %84 ދަށްވެފައި، ޑިއުޓީ ފްރީ ސޭލްވެސް އޭޕްރީލްމަހުވަނީ %98 ވަނީ ދަށްވެފައި، މިއިން ކޮންމެ އެއްޗެއް ޓްރާންސްލޭޓު ވަނީ ލާރިއަށް" ހަސަން ވިދާޅުވިއެވެ.

ކުންފުންޏަށް ގެއްލުންވަމުންދިޔަ ނަމަވެސް އެއަރލައިންތަކަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ބައެއް ހިދުމަތް ތަކެއް ހިލޭ ދިނުމަށް އެމްއޭސީއެލް ނިންމައިފައިވާކަން ހަސަން ފާހަަގަކުރެއްވިއެވެ. މިނިންމުމާއެކު ކުރިމަގުގައި ރާއްޖޭގެ އިޤްތިސާދަށް ފައިދާ ކުރާނެކަމަށް އެކުންފުނިން ދެކޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ވަނީ އެއަރލައިންތަަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ދެވޭ އެހީތެރިކަމެއްގެ ގޮތުން ބޯޑަރު ހުޅުވުމަށްފަހު ވީއައިއޭއަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން ގްރައުންޑް ހެންޑްލިން، ނެވިގޭޝަން އަދި ޕާކިން ފީތައް ޖުލައި 15 އިން އޯގަސްޓުގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނުނެގުމަށް ވަނީ ނިންމާފައެވެ. އަދި ސެޕްޓެމްބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް މިހިދުމަތްތަކުން 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެއެވެ. އޮކްޓޫބަރު 28 އިން އަންނަ އަހަރުގެ އޮކްޓޫބަރު 28 ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.