ވިޔަފާރި

މިއަހަރު ފަހުކޮޅު އެއަރލައިންތަކުން ރާއްޖެއަށް ޝެޑިއުލްކުރާ ދަތުރުތައް ދަނީ އިތުރުކުރަމުން


މިއަަހަރުގެ ފިނި މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ 11 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް މިހާތަނަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި މި ދުވަސްކޮޅަކީ ހޫނު މޫސުމަށްވުމުން ކުރިއަށް އޮތް ފިނި މޫސުމުގައި މި އަދަދުތައް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށް ހަސަން ވިދާޅުވިއެވެ.

"އަދި އެއް ސަޕްރައިޒިންގ ވާހަކަ ދައްކާކަމުގައިވާ ނަމަ، އަދި މީ ސަމާ ސީޒަން އެކަމް ވިންޓަރ ސީޒަންއަށް ބައެއް އެއަރލައިންތަކުން މިހާރުވެސް ފައިލް ކުރަމުން މިދަނީ 2019 ވަނަ އަހަރާއި ބަލާއިރު 2020 ވަނަ އަހަރުގެ ފްރީކުއެންޒީތައް އިތުރުކަން ފާހަގަކުރެވޭ،" ހަސަން ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް މިހާތަނަށް 11 އެއަރލައިނަކުން ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެތެރޭގައި ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ހޮންގކޮންގ އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް، ބްރިޓިޝް އެއަރވޭސް، އެޑެލްވައިސް އަދި ޓަރކިޝް އެއަރލައިންސް ހިމެނެއެވެ.