ވިޔަފާރި

އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވާނީ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން 90 ދުވަސްތެރޭ


ބިދޭސީންނަށް ދޫކުރާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވާނީ ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭ ދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ދުވަހަށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ރާއްޖޭގައި މަސައްކަތްކުރަން އައުމަށް ހުއްދަދެވޭ ބިދޭސީންނަށް ދޫކުރެވޭ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތުގެ ގޮތުގައި، ހުއްދަ ދޫކުރެވޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ބިދޭސީ މީހާ ރާއްޖެ އަންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް، މުޅިދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ހާލަތާ ގުޅިގެން، ޤައުމުތަކުގެ ދަތުރުފަތުރުގެ ނިޒާމް މެދުކެނޑިފައިވާތީ، މިހާލަތަށް ރިޢާޔަތްކޮށް މިދިޔަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވާނީ ރާއްޖޭގެ ބޯޑަރ ހުޅުވާލެވޭ ދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ދުވަހަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު 110 ދުވަހަށްފަހު އިއްޔެ ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައެވެ. މިއާއެކު އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ އެތެރެވުމަށް ޙާއްޞަ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.

މިދިޔަ މާޗުމަހުން ފެށިގެން ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖެއަށް އެތެރެވެވޭނީ ޙާއްސަ ހުއްދައަކާއެކުއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޯވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަންޖެހޭ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން ޙާއްޞަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސި އުޞޫލު މޯލްޑިވްސް އިމިގްރޭޝަނުން މިއަދުން ފެށިގެން ބާތިލް ކޮށްފައިވާކަމަށެވެ.

މިދިޔަ މާރޗުމަހުގެ 21 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހެއެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން ހުއްދައަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހެއެވެ.