ޚަބަރު

ރާއްޖެއަށް ދަތުރުކުރާ އެންމެން، އޮންލައިންކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ފުރުން ލާޒިމް


މާދަމާއިން ފެށިގެން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި، ފުރާ މީހުންގެ ސިއްޙީ އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަށް އޮންލައިންކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝިފާން ވިދާޅުވީ ރާއްޖެއަށް ދަތުރުކުރާ މީހުންނާއި ރާއްޖެއިން ފުރާ މީހުން ދަތުރު ފެށުމުގެ ކުރިން އެމީހެއްގެ ސިއްޙީ އެންމެހާ މައުލޫމާތު އޮންލައިން ފޯމެއް މެދުވެރިކޮށް ހިއްސާކުރުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

މާދަމާއިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ދިވެހިންނާއި ބިދޭސީންވެސް ރައްޖެ އެތެރެވުމުގެ ކުރިން އަދި ފުރުމުގެ ކުރިން ދަތުރުފަށާ ވަގުތުގެ ކުރިއަށް ހިމެނޭ 12 ގަޑިއިރު ތެރޭގައި މި ފޯމް ފުރުން ލާޒިމްވާނެއެވެ.

މިއާއެކު ދަތުރުކުރާ މީހާގެ ސިއްޙީ މައުލޫމާތު ދުރާލާ ހޯދައި ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކުރެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދަތުރުކުރާ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު ރައްކާކުރެވޭނެއެވެ. އަދި މިއާއެކު ރާއްޖެ އަންނަ މީހުން ފްލައިޓް ތެރޭގައި އެއްވެސް މައުލޫމާތު ޝީޓެއް ފުރަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

"މި ޤާއިމްކުރި، ސެލްފް ޑެކްލަރޭޓިވް ޓްރެވަލަރ ހެލްތް ޑިކްލަރޭޝަންގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެކި އިދާރާތަކާއި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވާ ފަހަރެއްގައި މި މައުލޫމާތު ބޭނުންކޮށްގެން ފަސޭހައިން އިދާރާތަކަށް ބޭނުންވާނެ މައުލޫމާތު ނެގި މީހަކު ދެނެގަންނަން ނުވަތަ ހޯދާންވެއްޖެނަމަ ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހޯދޭނެ އިންތިޒާމް ބައްޓަންކުރުން. އަދި ރާއްޖެ ޒިޔާރްތްކުރާ މީހުންނަށް ލުއި ފަސޭހަ ވެގެންދާނެ" ޝިފާން ވިދާޅުވިއެވެ.

މި ފޯމް އޮންލައިންކޮށް ފުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު ދިވެހި ބަހާއި އިންގިރޭސި ބަހުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރި ޒިޔާރްތްކުރާ ޤައުމުތަކުގެ ބަހުރުވަތަކުން ފޯމު ފުރުމުގެ އިޚިތިޔާރު ފަހިކުރެވޭނެކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި ފޯމް ފުރުމާއެކުވެސް އެއަރޕޯޓުގައި މީހުންގެ ހުންބެލޭނެ އިންތިޒާމާއި މާސްކު އެޅުމުގެ އިތުރުން ގައިދުރުކަން އިޚްތިޔާރުކުރޭތޯ ކަސަވަރުކުރާނެކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.