ޚަބަރު

ޕޯޓުތަކުގައި ޚިދުމަތްދޭ އިރު ޢަމަލުކުރާނެ ގައިޑްލައިންތައް ވަނީ ހަދާފައި - އަފްޒަލް


އެއަރޕޯޓުގެ ޚިދުމަތް ފަށާފައިވަނީ، ޚިދުމަށް ދިނުމުގައި މަސައްކަތްކުރާ ހުރިހާ ދާއިރާތަކުން ޢަމަލުކުރަންޖެހޭ ވަކިވަކި ގަޢިޑްލައިންތައް ހެދުމަށްފަހުކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ބޯޑަރުތަށް ހުޅުވާލުމާ ގުޅިގެން، އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓް (ވީއައިއޭ)ގެ ޖެނެރަލް މެނޭޖަރ އިިބްރާހީމް ހުސައިނާއި ޕޯޓުތަކުން ރާއްޖެއަށް ބަލިތަށް އެތެރެވުމާ ދެކޮޅަށް އެޗްޕީއޭގެ ފަރާތުން މަސައްކަތްކުރައްވާ އެޕިޑިއޮމޮލިޖިސްޓް ޑރ.އިބްރާހީމް އަފްޒަލްވެސް ބައިވެރިވެވަޑައިގަތެވެ.

ޑރ.އިބްރާހީމް އަފްޒަލް ވިދަޅުވީ ބޯޑަރު ހުޅުވާލިއިރު މިކަމާ ގުޅިގެން އެއަރޕޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ ދާއިރާތަކުން ޢަމަލުކުރުމަށް، އެދާއިރާއަކާ ގުޅޭގޮތަށް ގައިޑްލައިންތައް ހަދާފައިވާކަމަށެވެ.
އެގޮތުން ފަސެންޖަރުންނާއި އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންގެ ކިބާގައި ހުންނަންޖެހޭ މިންގަނޑުތަކާއި އެހެންނިހެން ޚިދުމަތްތަކުގެ ގޮތުގާއި ވެހިކަލާއި، އެއަރޕޯޓްގައި ހުންނަ ފުޑް އައުޓްލެޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައްވެސް ކަނޑައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޯވިޑް-19އާ ގުޅޭ ކުއްލިޙާލަތެއް އެއަރޕޯޓުތެރޭގައި ދިމާވެއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުމުގައި ޢަމަލުކުރަންޖެހޭ ކަންކަންވެސް ތަރުތީބުކޮށްފައި ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކަސްޓަމްސް އިމިގްރޭޝަން، އެމްއޭސީއެލް، ލަގެޖް ހޭންޑްލިންގ، ލައުންޖްތައް އަދި ޓެކްސީއާއި ކެފޭގެ ޚިދުމަތް ދޭއިރު އަމަލުކުރަންޖެހޭ ގޮތްތައްވެސްވަނީ ކަނޑައަޅާ އެކަމުގެ ތަމްރީންދީފައި. މިސާލަކަށް ޕީޕީއީ ލައިގެން ނޫނީ މާސްކާއި ފޭސްޝީލްޑް ބޭނުންކުރަންޖެހޭނީ ކޮންކަހަލަ ޚިދުމަތްދޭ ބައެއްކަންވެސް ކަނޑައެޅިފައިވާނެ. "ޑރ.އަފްޒަލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ހުސައިން ވިދާޅުވީ ކުންފުނީގެ މުވައްޒަފުން މަސައްކަތަށް ނެރެނީ ސިއްޙީ ޙާލަތު ދެނެގަތުމަށް އޮންލައިން ފޯމެއް ފުރުމަށްފަހުކަމަށެވެ. އަދި ޢުމުރުން 55އަހަރުން މަތީގެ އެއްވެސް މީހަކު މަސައްކަތަށް ނުނެރޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"3000މުވައްޒަފުން ޖުމްލަ ކުންފުނީގައި މަސައްކަތްކުރިނަމަވެސް މިހާރުގެ މި ޙާލަތުން ދުވާލަކު %30 މީހުން ނެރެގެން އެބަ ޚިދުމަތްތައް ދެވޭ. 2 ޝިފްޓަށް ބަހާލައިގެން 900 އެއްހައި މުވައްޒަފުން މަސައްކަތް ކުރާނެ. ހުރިހާ ދާއިރާތަކުގެ މުވައްޒަފުންނަށްވެސް ވަރަށްބޮޑަށް ތަމްރީން ދީފައިވާނީ." އިބްރާހީމް ހުސައިން ވިދާޅުވިއެވެ.

އެއަރޕޯޓްގައި ރައްކާތެރިކަން އިތުރުކުރުމަށް ޚާއްސަ ކްލިނިކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖެ އެތެރެވާ ކޮންމެ ފަރާތަކުންވެސް ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ޖެހޭނެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވީނަމަވެސް ޚާއްސަ ޚާލަތްތަކުގައި އެކި ޤައުމުތަކަށް 5000އަށްވުރެ ގިނަ މީހުން މިދިޔަ ދެމަހު ވަނީ ފުރުވާލާފައެވެ. އަދި ރާއްޖެއިން ބޭރުގައިތިބި 2000އަށްވުރެ ގިނަ ދިވެހިން ވަނީ ޤައުމަށް ގެނެސްފައެވެ.