ދުނިޔެ

އީރާނާއި ދެކޮޅަށް އދ.ން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަނީ


ނިއުކްލިޔަރ މައްސަލާގައި އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އަހަރުގެ ކުރީކޮޅު އުވާލެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވެއްޖެއެވެ.އީރާނަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ތެހެރާނުން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ހާމަންޑް ވިދާޅުވީ އީރާނަކީ ބައިނަލްއަޤްވާމީ ދުނިޔެއާ އެކަހެރިކޮށް ބޭއްވޭ ވަރަށްވުރެ ބޮޑު އަދި ބޭނުންތެރި ގައުމެއްކަމަށެވެ. އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު އޮތް އިތުބާރުނެތުމުގެ މައްސަލަ ކުރިމަގުގައި ހައްލުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ހާމޮންޑް ވިދާޅުވިއެވެ.މިދަތުރުފުޅުގައި ހާމަންޑް ވަނީ އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފާއި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރައްވާފައެވެ. އަދި އޭނާވަނީ އިނގިރޭސިވިލާތުގެ އެންބަސީވެސް ތެހެރާންގައި އަލުން ހުޅުއްވައި ދެއްވާފައެވެ.