ޚަބަރު

ކޯވިޑް-19 : އެކަކު ފިޔަވައި މިއަދު ޕޮޒިޓިވްވި އެންމެންނަކީ ދިވެހިން


ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި 29 ދިވެހިން ހިމެނިއްޖެއެވެ. ރާއްޖެއިން މިއަދު ކޯވިޑް19އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2831އަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 40 މީހުންނަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު ރާއްޖެއިން މި ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިއާއެކު ބަލިން ރަންގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2321އަށް އިތުރުވެފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 423މީހުންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 32 މީހުންނެވެ. އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ މާލޭ ސަރަޙައްދުގެ އިތުރަށް ކުޑަފަރީއާއި ބޯޓަކާއި ސަފާރީއެއްކަމަށެވެ.

އިއްޔެ ކޯވިޑަށް ޓެސްޓްކޮށްފައިވަނީ 680 ސާމްޕަލްއެވެ. އަދި ޕެންޑިންގައި 350 ސާމްޕަލް އެބަހުރިކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.