ޚަބަރު

ޤަޠަރުގެ މައްސަލަ އައިސީއޭއޯއަށް ބެލޭނެ: އައިސީޖޭ


ޤަޠަރުގެ އެއާލައިނުތަކުން ސަޢުދީ ޢަރަބިއްޔާއާއި ބަޙުރެއިނާއި މިޞްރާއީ ޔޫއޭއީގެ ވައިގެ ސަރަޙައްދު ބޭނުންކުރުން މަނާކޮށްފައިވާ މައްސަލަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިސީއޭއޯއަށް ބެލޭނެކަމަށް އދގެ އެންމެ މަތީ ކޯޓުކަމަށްވާ އިންޓަނޭޝަލް ޖަސްޓިސް ކޯޓު، އައިސީޖޭއިން ނިންމައިފިއެވެ.

ނިރުބަވެރިކަމުގެ ޢަމަލުތަކަށް ޤަޠަރުން ތާޢީދުކޮށް، ޚަރަދުކުރާކަމަށް ބުނެ 2017ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ހަތަރު ޤައުމުންވަނީ ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލައިފައެވެ. އެ ނިންމުމާއެކު ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއްވަނީ ޤަތަރާ ދެކޮޅަށް އަޅާފައެވެ. އޭގެ ތެރޭގައި އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުން ޤަތަރުގެ މަތިންބޯޓުތައް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. އެ ޤައުމުތަކުން ބުނީ އެ ޤައުމުތަކުގެ އިސްތިޤުލާލު ރައްކާތެރިކުރުމަށް އެފަދަ ފިޔަވަޅެއް އެޅުމުގެ ހައްޤު ލިބިގެންވާކަމަށެވެ.

އެ ނިންމުމާ ގުޅިގެން ޤަޠަރުންވަނީ އައިސީއޭއޯއަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޤަޠަރުން ބުނީ ފަސިންޖަރު މަތިންދާބޯޓުތައް ބޭރު ޤައުމުތަކުގެ ވައިގެ ސަރަޙައްދުން ދަތުރުކުރުމަށް ހުއްދަދޭ މުއާހަދާގައި އެ މައްސަލައިގައި ހިމެނޭ ޤައުމުތަކުން ބައިވެރިވެފައިވާކަމަށާއި އެ މުއާހަދާއާ އެ ޤައުމުތަކުން ޚިލާފުވެފައިވާކަމަށެވެ.

ޤަޠަރުން ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިގެންވާކަމަށް އައިސީއޭއޯއިންވަނީ ނިންމާފައެވެ. ނަމަވެސް މައްސަލަ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތަކީ އައިސީއޭއޯ ނޫންކަމަށް ބުނެ ސަޢުދީ ޢަރަބިއްޔާއާއި ބަޙްރެއިނާއި މިޞްރާއީ ޔޫއޭއީވަނީ އައިސީއޭއޯގެ ނިންމުން ބައިނަލްއަޤްވާމީ އައިސީޖޭގައި އިސްތިޢުނާފުކޮށްފައެވެ.

އައިސީޖޭއިން ނިންމީ އެ މައްސަލަ ބެލުމުގެ އިޚްތިޞާސު އައިސީއޭއޯއަށް ލިބިފައިވާކަމަށެވެ. އެ ނިންމުމަށް ޤަޠަރުންވަނީ މަރުޙަބާ ކިޔާފައެވެ. އެ ޤައުމުން ބުނީ އައިސީއޭއޯއިން މައްސަލަ ބަލައި ސަޢުދީ ޢަރަބިއްޔާއާއި ބަޙުރެއިނާއި މިޞްރާއީ ޔޫއޭއީގެ ޢަމަލުތަކަކީ ޤާނޫނާ ޚިލާފު ޢަމަލުތަކެއްކަމަށް ކަނޑައަޅާނެކަމުގެ ޔަޤީންކަން އޮތްކަމަށެވެ.