އެމެރިކާގެ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކުން ހަމައެކަނި އިންޓަނެޓު މެދުވެރިކޮށް ތަޢުލީމު ޙާޞިލުކުރަމުންދާ ބިދޭސީ ދަރިވަރުން އަނބުރާ ޤައުމަށް ފޮނުވައިލަން އެމެރިކާގެ ސަރުކާރުން ނިންމި ނިންމުން ބާޠިލުކޮށްފިއެވެ.
އެމެރިކާގައި އެތައް މިލިއަން ބިދޭސީ ދަރިވަރުންދަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ. އެ ދަރިވަރުންގެ ސަބަބުން އެ ޤައުމުގެ ތަޢުލީމީ މަރުކަޒުތަކަށް ވަރަށް ބޮޑަށް ފައިދާވެއެވެ.
މިދިޔަ ހަފުތާފައި އެމެރިކާގެ ޑިޕާޓްމަންޓު އޮފް ހޯމްލެންޑު ސެކިއުރިޓީން ނެރުނު އައު ޤަވާއިދުތަކުގެ ދަށުން ކުރިއަށް އޮތް ސެމިސްޓަރުގައި ހަމައެކަނި އިންޓަނެޓު މެދުވެރިކޮށް އެ ޤައުމުގައި ކިޔަވާ ބިދޭސީ ދަރިވަރުންނަށް ވިސާ ދޫނުކުރަން ނިންމިއެވެ. ކޯވިޑް-19ގެ ސަބަބުން އިންޓަނެޓު މެދުވެރިކޮށް ކިޔަވައިދޭން ފަށައިފައިވާ ތަޢުލީމީ މަރުކަޒުތަކުގައި ކިޔަވަމުންދާ ބިދޭސީ ދަރިވަރުންނަށް އޮތް ގޮތަކީ އެމެރިކާ ދޫކޮށް ދިއުން ނޫނީ ތަޢުލީމީ މަރުކަޒުތަކަށް ހާޒިރުވެގެން ކިއެވުންކަމަށް އެ ޤަވާއިދުގައިވަނީ ކަނޑައަޅައިފައެވެ. އެގޮތަށް ޢަމަލުނުކުރާނަމަ އެ ދަރިވަރުން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރުން އެކަށީގެންވާކަމުގެ އިންޒާރުވެސް ދިނެވެ.
އެ ނިންމުމާމެދު ހިތްހަމަނުޖެހި އެމެރިކާގެ ނަން މަޝްހޫރު ޔުނިޔަސިޓީތަކުގެ ތެރޭގައި ހިމެނޭ ހަވަޑު ޔުނިވަސިޓީއާއި އެމްއައިޓީންވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މަރުކަޒުތަކުން ބުނީ ސަރުކާރުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށާއި އެމެރިކާގެ އިމިގްރޭޝަނުގެ ކުރީގެ އިރުޝާދުތަކާ ފުށުއަރާ ނިންމުމެއްކަމަށެވެ. ތަޢުލީމީ ގިނަ މަރުކަޒުތަކުންވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތާޢީދުކޮށްފައެވެ. އޭގެ ފަހުން އެފަދަ މައްސަލަތަކެއް އެމެރިކާގެ 18 ސްޓޭޓަކުންވަނީ ކޯޓަށް ހުށަހަޅާފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އަލަށް ތަޢާރަފުކުރި ޤަވާއިދަކީ މަދަރުސާތައް ހުޅުވުމަށް ބާރުއެޅުމަށް ސަރުކާރުން ނިންމި ސިޔާސީ ނިންމުމެކެވެ.
އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމުމެއް ނިންމުމުގެ ކުރިން އެމެރިކާގެ އިމިގްރޭޝަނާއި ކަސްޓަމްސް އެންފޯސްމަންޓުންވަނީ ސަރުކާރުގެ ނިންމުން އަނބުރާ ގެންގޮސްފައިވާކަމަށް އިޢުލާނުކޮށްފައެވެ.