ޚަބަރު

ކޯވިޑް-19 ޖެހިގެން 3،000އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވޭ: އެމްނެސްޓީ


ކޯވިޑް-19 ޖެހުމުގެ ސަބަބުން 3،000އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނީ ކޯވިޑް-19ގެ ސަބަބުން ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މަރުވަމުންދާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އެ ޢަދަދުތަކުން ދޭހަކޮށްދެނީ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ނެތުންފަދަ ބޮޑެތި މައްސަލަތައްކަމަށް އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވަނީ ރަޝިޔާގައެވެ. ކޯވިޑް-19ގެ އަސަރު ހަތަރުވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުކަމަށްވާ ރަޝިޔާގެ 545 ޞިއްޙީ ޚިދުމަތްތެރިންވަނީ ބަލީގައި މަރުވެފައެވެ. ދެން އެންމެ ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މަރުވީ އިނގިރޭސިވިލާތުގައެވެ. އިޖުތިމާޢީ އެހީތެރިން ހިމެނޭގޮތަށް 540 ޞިއްޙީ ޚިދުމަތްތެރިންވަނީ އެ ޤައުމުގައި މަރުވެފައެވެ. އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ އެމެރިކާގައި ކޯވިޑް-19ގެ ސަބަބުން 507 ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނުމުން ކޯވިޑް-19ގެ ސަބަބުން މަރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު 3000އަށްވުރެ އިތުރުވާނެކަމަށް އެމްނެސްޓީން ބުނެއެވެ.

އެމްނެސްޓީން ބުނީ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ޞިއްޙީ ޚިދުމަތްތެރިންނާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. ޞިއްޙި ޚިދުމަތްތެރިން ތަޙައްމަލުކުރަންޖެހޭ ޙާލަތުގެ ވާހަކަ ފައުޅުގައި ދައްކާ ފަރާތްތަކާމެދު ބައެއް ޤައުމުތަކުން ފިޔަވަޅު އަޅަމުންދާކަން ހިތާމައާއެކު ފާހަގަކުރާކަމަށް އެ ޖަމުޢިއްޔާއިން ބުންޏެވެ.

އެމްނެސްޓީން އިތުރަށް ބުނީ ކުޑަ މުސާރައަކަށް ގިނަ ވަގުތުތަކަކަށް މަސައްކަތްކުރުމަށް ޞިއްޙީ ޚިދުމަތްތެރިންނަށް މަޖުބޫރުވެފައިވާކަމަށާއި މާސްކާއި ޕީޕީއީފަދަ ރައްކާތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމުގައި ގިނަ ޢަދަދެއްގެ ޤައުމުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެ ޖަމުޢިއްޔާއިން ބުނީ ކޯވިޑް-19 ފެތުރެން ފެށުމުން ވެފައިވާ ތައްޔާރީތަކާއި އެޅި ފިޔަވަޅުތައް ހުރިހާ ޤައުމަކުންވެސް މުރާޖަޢާކޮށް މިފަދަ ކާރިޘާއެއް ދިމާވުމުން އިންސާނީ ހައްޤުތަކާއި ފުރާނަ ރައްކާތެރިކުރުމަށް ކުރެވިދާނެކަންކަން ދެނެގަތުން މުހިންމުކަމަށެވެ.