ތަޢުލީމު

ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް މާޔިޒަށް


ފާއިތުވި އަހަރު ޖަމާލުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ގްރޭޑް ދިހައެއްގެ ދަރިވަރު އަހުމަދު މާޔިޒް މާހިދް ޝަރީފު ހާސިލުކޮށްފިއެވެ.އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލުކުރި މާޔިޒްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޚާއްސަ އިނާމު ހަވާލުކޮށްދެއްވީ އެ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދެވެ. ޖަމާލުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމްގެ އިތުރުން، މާޔިޒް ވަނީ އޯލެވެލް އިމްތިހާނުން ނެޝެނަލް ޓޮޕްޓެންގެ 4 ވަނަ މަޤާމާއި، ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައިވެސް ހިމެނިފައެވެ.މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި، ޒަމާނާއި އެއްގޮތަށް ތަރައްޤީވެފައިވާ ދުނިޔެއެއްގައި އުޅެމުންދާއިރު، ދުނިޔޭގެ އެތަން މިތަނުގައި ހިނގާކަން ކަމުގެ އަޑުއިވި، މަންޒަރު ވަރަށްވެސް ފަސޭހަކަމާއެކު ބަލާލެވޭކަމަށެވެ. ނަމަވެސް މިހުރިހާ ލުއިފަސޭހަތަކަކާއެކުވެސް، މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، މައިންބަފައިންނަށް ކިޔަމަންވެ، ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހްތިރާމްކުރުން ފަދަ ހަރުދަނާ ގޮތްތައް ދޫކޮށްލެވިގެން ނުވާނެކަމަށެވެ.ޖަމާލުއްދީން ސްކޫލު ނިސްބަތްވެގެންވަނީ ދިވެހި ތާރީޙުދުށް އެންމެ ކުޅަދާނަ އެއް ދީނީ އިލްމުވެރިޔާ މަޝްޙޫރު ވާދޫ ދަންނަކަލޭފާނު ނުވަތަ އައްޝައިޙް މުހައްމަދު ޖަމާލުއްދީނަށްކަން އިޝާރަތްކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ، މުހައްމަދު ޖަމާލުއްދީން ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު، ރާއްޖޭގައި ތައުލީމު ފެތުރުމަށް ހިލޭ ސާބަހަށް އެތަކެއް މަސައްކަތްޕުޅުތަކެއް ކުރައްވަވާފައިވާކަމަށެވެ. އަދި މިފަދަ ބޭފުޅުންގެ ކިބައިން މިއަދުގެ ދަރިން ފިލާވަޅު ލިބިގަންނަންޖެހޭކަމަށާއި، އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ނަމޫނާއެއްގެ ގޮތުގައި ބެލުން މުހިއްމުކަމުގައިވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވަނީ ދަރިވަރުންނާއެކު މައިބަފައިން ވަގުތު ހޭދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މައިބަފައިން ދަރިންނާއެކު ހޭދަކުރާ ވަގުތުގެ އަސަރު އެކުންދިންގެ ކިޔެވުމަށާއި، ކުދިންގެ ތަރުބިއްޔަތަށް ކުރާނެކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.ޖަމާލުއްދީން ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ އެންމެ މޮޅު 10 ދަރިވަރުންނަށާއި، އޯލަވެލް އިމްތިހާނުން ނެޝެނަލް ޓޮޕްޓެންގައި ހިމެނުނު ދަރިވަރުންނަށްވެސް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. ފާއިތުވި އަހަރު ޖަމާލުއްދީން ސްކޫލުގެ 10 ދަރިވަރަކު ނެޝެނަލް ޓޮޕްޓެނުން ޖާގަހޯދާފައިވެއެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއިންނާއި، ޔުނިފޯރމް ހަރަކާތްތަކުން އެންމެ ފާހަގަކޮށްލެވޭ ކުދިންނަށާއި، ޤައުމީ ފެންވަރުގަޔާއި، ބައިނަލް އަޤްވާމީ ފެންވަރުގައި ބޭއްވުނު އެކި މުބާރާތްތަކުން ސްކޫލަށް ރީތިނަން ހޯދައިދިން ދަރިވަރުންނަށްވެސް ތައްޓާއި ހަނދާނީލިޔުން މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވިގެންދިޔަ ޖަމާލުއްދީން ސްކޫލު، އޭރުގެ ނަމުން ނަމަ ޖަމާލުއްދީން ޕްރައިމެރީ ސްކޫލަކީ ރާއްޖޭގައި ހުޅުވިގެންދިޔަ ދެވަނަ ޕްރައިމެރީ ސްކޫލެވެ. ޖަމާލުއްދީން ޕްރައިމެރީ ސްކޫލުގެ ނަން ޖަމާލުއްދީން ސްކޫލަށް ބަދަލުކޮށްފައިވަނީ 1990 ވަނަ އަހަރުގައެވެ. އެއައަށްފަހު 2000 ވަނަ އަހަރު އެ ސްކޫލުގެ އާ އިމާރަތް ހުޅުވާ، އެ އިމާރާތަށް ސްކޫލު ބަދަލުކުރެވިގެންދިޔައެވެ.