ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ގިނަ ސަރަޙައްދުތަކުގައި ފެން ބޮޑުވެއްޖެއެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި ބަންގްލަދޭޝަށް އެންމެ ގިނަ ގިނައިން ވާރޭ ވެހިފައިވަނީ މި އަހަރުއެވެ. ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ކޮންމެ އަހަރުކުވެސް ދެކުނު އޭޝިޔާއަށް މޫސުމީ ވާރޭ ވެހެއެވެ. އެ މޫސުމަކީ އިންޑިޔާ ސަރަޙައްދުގެ ދަނޑުބިންތަކަށް ފެންލިބި އިޤްތިޞާދު ދެމެހެއްޓުމުގައި ބޮޑު ދަޢުރެއް އަދާކުރާ ދުވަސްވަރެކެވެ. ނަމަވެސް ހަމަ އެއާއެކު އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ޢަދަދެއްގެ މީހުން ކޮންމެ އަހަރަކުވެސް މަރުވެއެވެ.
ބަންގްލަދޭޝްގައި މި އަހަރު ހިނަގި ފެންބޮޑުވުމުގެ ހާދިޘާތައް ފާއިތުވި 19 އަހަރުގެ ތެރޭގައި ކުރިމަތިވި ހާދިޘާތަކަށްވުރެ ނުރައްކާތެރިއެވެ. އެގޮތުން 230 ކޯރު އޮންނަ ބަންގްލަދޭޝްގައި ހިނގި ފެން ބޮޑުވުމުގެ ހާދިޘާތަކުގައި ދަނޑުބިންތައް ހަލާކުވުމުގެ އިތުރުން ގެދޮރު ދޫކޮށް ދިއުމަށް ފަޤީރުންނަށްވަނީ މަޖުބޫރުވެފައެވެ.
ބަންގްލަދޭޝްގެ ފުލަޑު ފޯކާސްޓިން އެންޑު ވޯނިން ސެންޓަރުގެ އިސްވެރިޔާ އަރީފުއްޒަމާން ބުއިޔަން ވިދާޅުވީ ފަސޭހައިން ފެންބޮޑުވާ ބަންގްލަދޭޝްގެ 3 ބައިކުޅަ އެއްބައި މިހާރުވެސް އޮތީ ފެނު އަޑީގައިކަމަށާއި ފެން ބޮޑުވުމުގެ އަސަރު 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާކަމަށެވެ. ކޯރުތަކުގެ ފެނުގެ އުސްމިން އުފުލި ބަންޑުންވުމުގެ ސަބަބުން އަވަށްތަކާއި މަގުތަކުގައިވަނީ ފެން ބޮޑުވެފައެވެ. ބޭރަށް ނުކުތުމާއި ކާބޯތަކެތި ހޯދުމުގައި ޢާންމުން ދަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުންނެވެ. ބުއިޔަން ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހުވެސް ފެންބޮޑުވުން އިތުރުވާނެކަމަށާއި އެ ޤައުމުގެ 40 އިންސައްތަ އޮންނާނީ ފެނު އަޑީގައިކަމަށް ބެލެވޭކަމަށެވެ.
ބަންގްލަދޭޝް ހިމެނޭގޮތަށް ދެކުނު އޭޝިޔާގައި 4 މިލިއަން މީހުންނަށްވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ. ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާގެ އައްސާމު ސްޓޭޓާއި ނޭޕާލަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.