ޚަބަރު

ވެކްސިން ޖަހަން ޖަރުމަނުވިލާތުގެ ގިނަ ޢަދަދެއްގެ މީހުން ބޭނުމެއް ނުވޭ


ކޯވިޑް-19ން ރައްކާތެރިވުމަށް ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ޢަދަދު ވިލާތުގެ ޤައުމުތަކުގައި މަދުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިހާތަނަށް 13.4 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 581،000 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ދުނިޔޭގެ އިޤްތިޞާދުތައް އިނދަޖެހެމުންދާ ދަނޑިވަޅެއްގައި ބަލިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ވިލާތުގެ ތިން ޤައުމެއްގެ ދިރާސީ މަރުކަޒުތަކާ ގުޅިގެން ޖަރުމަނުވިލާތުގެ ޔުނިވަސިޓީ އޮފް ހެމްބާގުން ކުރި ދިރާސާގައި 7،000 މީހުންވަނީ ބައިވެރިވެފައެވެ. އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ އޭޕްރިލް މަހާއި ޖޫން މަހުގެ ތެރޭގައި ވިލާތުގެ އެކި ޤައުމުތަކުގައެވެ.

މިދިޔަ އޭޕްރީލު މަހުގެ ތެރޭގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި ޑެންމާކާއި ނެދަލޭންޑްސާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި ޕޯޗުގަލްގެ ރައްޔިތުން ބައިވެރިވި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި 74 އިންސައްތަ މީހުން ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއް ޖެހުމަށް ބޭނުންވާކަމަށެވެ. ނަމަވެސް އެ ޢަދަދުވަނީ ޖޫން މަހު 68 އިންސައްތައަށް ދަށަށް ގޮސްފައެވެ.

ވެކްސިން ޖެހުމާމެދު ޚިޔާލު ބަދަލުވި މީހުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޖަރުމަނުވިލާތުގައެވެ. ވެކްސިން ޖެހުމަށް ރުހޭކަމަށް ދިރާސާގައި އެ ޤައުމުން ބައިވެރިވި 70 އިންސައްތަ މީހުންވަނީ އޭޕްރީލު މަހުގެ ތެރޭގައި ބުނެފައެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި އެ ޢަދަދުވަނީ 61 އިންސައްތައަށް ދަށަށް ގޮސްފައެވެ.

ވެކްސިން ޖެހުމާމެދު ދެކޭގޮތުގައި ހުރި ފަރަޤު ޖަރުމަނުވިލާތުގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި ވަރަށް ބޮޑެވެ. އެގޮތުން ވެކްސިން ޖެހުމާމެދު ދެކުނުގެ ލޮވާ ސެކްސަނީގެ 67 އިންސައްތަ މީހުންގެ އިޢުތިރާޒެއް ނެތެވެ. ނަމަވެސް ވެކްސިން ޖެހުމަށް ރުހޭ މީހުންގެ ޢަދަދު އުތުރުގެ ބެވޭރިޔާގައި ހުރީ 52 އިންސައްތައިގައެވެ.

ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ދަނޑިވަޅެއްގައި ޢާންމު ދިރިއުޅުމަށް ރުޖޫޢަވެ ޤައުމުތަކުގެ އިޤްތިޞާދުތައް ކޮޅަށް ޖެހޭނެކަމުގެ އެންމެ ބޮޑު އުންމީދަކީ ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކޮށް ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދިނުމެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޖަރުމަނުވިލާތުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޤައުމީ ފެންވަރުގެ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުގައި ވެކްސިން ޖެހުމާމެދު ދިރާސާގައި ބައިވެރިވި މީހުންގެ 50 އިންސައްތަ މީހުންގެ އިޢުތިރާޒެއް ނެތެވެ. ބާކީ 50 އިންސައްތަ މީހުންގެ ތެރެއިން ވެކްސިން ނުޖަހާނެކަމަށް ބުނީ 20 އިންސައްތަ މީހުންނެވެ. އެ ދިރާސާގެ ނަތީޖާއާމެދު ސައިންސުވެރިންނާއި ސިޔާސީ ފަރާތްތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ހެމްބާގު ޔުނިވަސިޓީގެ ހެލްތު އިކޮނޮމިކްސް ސެންޓަރުގެ އިސްވެރިޔާ ޔޯނަސް ޝްރައިޔޮގް ވިދާޅުވީ ވެކްސިން ބޭނުންކުރުމާ ދެކޮޅީ ދިރާސާގައި ބައިވެރިވި މަދު ޢަދަދެއްގެ މީހުންކަމަށެވެ. އޭނާ ވިދާޅުވީ ކަންބޮޑުވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނާމެދު ނޫންކަމަށާއި ވެކްސިނާމެދު ޝައްކުތަކެއް ހުރުމުން އެ ބޭނުންކުރުމާ ގުޅޭގޮތުން ކަންބޮޑުވާ މީހުންނާމެދުކަމަށެވެ. ވެކްސިން ޖަހަން ބޭނުންނުވާ މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުންނަކީ ވެކްސިންގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ޞިއްޙީ މައްސަލަތަކާއި އޭގެ ރައްކާތެރިކަމާމެދު ކަންބޮޑުވާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދެފުށް ފެންނަ ގޮތަކަށް ވެކްސިނުގެ ތަހުލީލުތަކެއްކޮށް ވެކްސިންގެ ރައްކާތެރިކަން ޢާންމުންނަށް ޔަޤީންކޮށްދީ، ހޭލުންތެރިކުރެވިއްޖެނަމަ ވެކްސިން ބޭނުންކުރުމަށް އެއްބަސްވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.