ވިޔަފާރި

ބޯޑަރު ހުޅުވާލުމާއެކު މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ރިސޯޓްތަކަށް ފަށައިފި


ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

މަންޓާ އެއަރއިން ބުނީ ދ.އަތޮޅު އަދި ބ.އަތޮޅުގެ ރިސޯޓުތަކަށް ދަތުރުކޮށްފައިވާކަމަށެވެ. މިއީ މާލެ ސިޓީ ފުރަބަންދަށް ދިޔުމަށްފަހު މަންޓާ އެއަރއިން ފަތުރުވެރިންނާއެކު ބޭއްވި ފުރަތަމަ ދަތުރުތަކެވެ.

މަންޓާ އެއަރގެ ދަތުރުތަކާއި ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ މުޙައްމަދު ޙަލީލު ވިދާޅުވީ ފަތުރުވެރިންނާއެކު ކުރާ ދަތުރުތައް އަލުން ފަށާފައިވުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ. އަދި އެއަރލައިންއިން އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ޚަލީލް ވިދާޅުވިއެވެ.

މަންޓާ އެއަރއިން ފަތުރުވެރިން ގޮވައިގެން ކުރާ ދަތުރުތައް މިއަދު އަލުން ފަށާފައިވާއިރު، އެއަރލައިނުން ދަނީ ޗަޓާރ ދަތުރުތައްވެސް ބާއްވަމުންނެވެ. އަދި ދިވެހިންނަށް އަމާޒްކޮށްގެން މަންޓާ އެއަރގެ ސީ ޕްލޭން ދަތުރުތައް ދަނީ އަތޮޅުތަކަށް ބާއްވަމުންނެވެ. އެ އެއަރލައިންގެ ސީޕްލޭން ދަތުރުތަކުގައި 6 ސީޕްލޭން ބޯޓެއް ބޭނުންކުރެއެވެ.