ކުޅިވަރު

މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރުމާމެދު މަޝްވަރާކުރަނީ



އަންނަ ސީޒަނުގައި ވެސް މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރުމާމެދު މަޝްވަރާކޮށް މިއަދު ގޮތެއް ނިންމަން ފީފާ އާއި އިންޓަނޭޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން ބޯޑުން ނިންފައިފިއެވެ.

ފުޓްބޯޅަ މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް ފުޓްބޯޅަ ގަވާއިދަށް ވަގުތީ ގޮތުން ބަދަލު ގެނައީ ފީފާގެ އެދުމުގެ މަތީންނެވެ. އެއީ ކޮވިޑް19ގެ ސަބަބުން ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވެދާނެ މައްސަލަތަކަށް ލުއިދިނުމުގެ ގޮތުންނެވެ. ނަމަވެސް މި ބަދަލު ގެނެސްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ކޮވިޑް19ގެ ސަބަބުން އަންނަ ސިޒަނުގެ ޝެޑިއުލް ވެސް ރާވާފައިވަނީ ކުރިއަށްވުރެ ތާށިކަން ބޮޑުކޮށް. މިހެންވެ ބައެއް ކުލަބުތަކުން ވަނީ ފަސް ބަދަލު ކުރެވޭގޮތެއް ބޭއްވުމަށް ގޮވާލާފައެވެ.

ނަމަވެސް ޔޫރަޕުގެ ގިނަ ކުލަބުތަކުގެ ނަޒަރުގައި ފަސް ކުޅުންތެރިން ބަދަލު ކުރުމަކީ ބޮޑެތި ޓީމުތަކަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. މި ގޮތުން އިނގިރޭސި ލީގުގެ ގިނަ ޓީމުތަކުން ވެސް ފަސްކުޅުންތެރިން ބަދަލު ކުރުމާމެދު ވަނީ ދެކޮޅު ހަދައިފައެވެ.
މިހެންވެ މިކަމާމެދު ގޮތެއް ނިންމަން ފީފާ އާއި އިންޓަނޭޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން ބޯޑުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައިވަނީ ގޮތެއް ނުނިމިފައެވެ.