ޚަބަރު

އދގެ އެހީ އުފުލާ މަތިންދާބޯޓެއް ރަންވޭއިން ކަހާލައި ރޯވެއްޖެ


އެހީގެ ސާމާނު ހިފައިގެން ސޮމާލިޔާއަށް ދަތުރުކުރި އދގެ މުދާއުފުލާ މަތިންދާބޯޓެއް ރަންވޭއިން ކަހާލައި އަލިފާން ރޯވެއްޖެއެވެ.

އެ މަތިންދާބޯޓު ޖިބޫތީން ދަތުރުކުރީ ސޮމާލިޔާގައި ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީގެ ސާމާނު ހިފައިގެންނެވެ. ނަމަވެސް މަތިންދާބޯޓު ޖައްސަން ފުރޮޅު ތިރިކުރުމުގައި މައްސަލަތަކެއް ދިމާވެ، ރަންވޭއިން ކަހާލައި އޭގައިވަނީ އަލިފާން ރޯވެފައެވެ. އަދި ވައިގެ ބަނދަރުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ލިބެން ނެތުމުގެ ސަބަބުން އަލިފާންގަނޑު ނިއްވާލުމުގައިވެސް ދަތިތަކެއްވަނީ ދިމާވެފައެވެ. އެ ޙާދިޘާގައި އެއްވެސް މީހަކަށް ގެއްލުންވިކަމެއް އަދި ނޭނގެއެވެ.

އޭވިއޭޝަން ސޭފްޓީ ނެޓުވޯކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިޘާގައި ރޯޥެފައިވަނީ ޑިއެޗުސީ-8 މަރުކައިގެ މަތިންދާބޯޓެއްގައެވެ.