ޚަބަރު

މާލޭ ހުޅަނގު ފަރާތް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި


މާލޭ ހުޅަނގުފަރާތުގައި އާޓިފިޝަލް ބީޗެއް ހެދުމާއި، އެސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.މި މަސައްކަތް އެމްޓީސީއާއި ހަވާލު ކުރުމަށް ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން މިކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤެވެ.މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން މިނިސްޓަރ މުއިއްޒް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ވެސްޓްޕާކުން ފެށިގެންގޮސް އައިޖީއެމްއެޗާއި ހަމައަށް ބީޗަކާއެކު މޫދައްއެރޭ ސަރަހައްދެއް ތަރައްޤީ ކުރެވިގެންދާނެކަމަށެވެ.މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮޖެކްޓެއްކަމަށާއި އަދި މިމަޝްރޫޢުއަކީ މާލޭގެ މަލަމަތި ބަދަލު ކޮށްލާނެ މަޝްރޫޢުއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއްގެ އިތުރުން އެ ސަރަހައްދުގެ ތޮށިގަނޑުލައި، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި ރެސްޓޯރެންޓެއްވެސް ގާއިމް ކުރެވިގެންދާނެކަމަށެވެ."ބޮޑުތަކުރުފާނު މަގުން މިހާރު އޮތްގޮތް ބަދަލުކޮށް މި ޗާޓުން މި ފެނިވަޑައިގަންނަވާ މަގު ކުޑަކޮށް އެތެރެއަށް ވަދެގެންދާނެ. ދެކުނުން އުތުރަށް ދަތުރުކުރުމަށް ހުރަހެއް ނޯންނާނެ. ނަމަވެސް މަޝްރޫޢު ކުރިއަށްދާއިރު އެމަގު އޮންނާނީ ވަގުތީގޮތުން ބަންދުވެފަ. އެހެން މަގުތައް ބޭނުންކުރެވޭގޮތައް. އެކަމާ ބެހޭ އިއުލާންތައް ވަރައްއަވަހަށް ކުރެވިގެންދާނެ. އަލަށް މަގުހެދުމާއި ތޮށިލުމާއި ބީޗްހެދުމާއި މި ހުރިހާ ކަމެއް މީގެތެރޭގައި ހިމެނިގެންދާނެ. މިހާރު އިރުމަތީ ފަރާތުގައި އޮތް އާޓިފިޝަލް ބީޗަށްވުރެ ދެގުނަ އިދާރަކުރެއްވިއްޔާ ބޮޑުވެގެންދާނެކަމަށް މި ބަލަނީ." މިނިސްޓަރ ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށާއި، އެއްބަސްވުމުގައިވާ ގޮތައް  މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ."މި މަޝްރޫޢުއަކީ ފުދޭވަރެއްގެ ބޮޑު މަޝްރޫޢުއެއް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ. އޭގެ ތެރޭގައި މިހާރު އެތަނުގެ ކީވޯލް މުޅިން ތަޅާލާ އެތަނުގައި 272 މީޓަރުގެ ކީވޯލެއް ހެދިގެންދާނެ. ބްރޭކް ވޯޓަރ އެއް ހެދިގެންދާނެ. ހަމައެއާއެކު އެސަރަހައްދު ފުންކުރުމަށްފަހު އެތަން ސޭންޑް ފިލް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. ވަޒީރު ވިދާޅުވި ފަދައިން 120 ދުވަސްތެރޭގައި މި މަޝްރޫޢު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިންމާނަން. މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާކަމަކީ އެމްޓީސީސީ އަދި ސަރުކާރުގެ އެހެންކުންފުނިތައްވެސް ގުޅިގެން ކަންތައްތަކެއް ކުރާ ނަމަ ޑެޑް ލައިނަށް އެކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް އެއްވެސް ދައްޗެއް ނޯންނާނެ" އަބްދުއް ރައްޒާޤް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ  އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވީ، ބަންދު ދުވަސްތަކުގައި ވިލިމާލޭގެ މޫދަށްއެރޭ ސަރަހައްދު މިހާރު ތޮއްޖެހިފައިވާކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށެވެ. އަދި މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ އާޓިފިޝަލް ބީޗްގެ ސަބަބުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ."ވިލިމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު ހުކުރު ހޮނިހިރު ދުވަސްތަކުގައި ވަރަށް ފުރި ބާރުވެ ތޮއްޖެހިފައި އޮންނަނީ. މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް އަދި ވަޒީރުންގެ ސަމާލުކަމަށްވެސް އަޅުގަނޑުމެންވާނީ ގެނެސްފަ. އަދި އެދޭތެރޭގެ މެދުން ހައްލެއް ހޯރުމަށްޓަކާ  މިއަދުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އިކޮނޮމިކް ޔޫތު ކައުންސިލާއި އެކުގައި މަސައްކަތްޕުޅު ކުރައްވައިގެން މާލެއާއި ވަރަށް ކައިރީގައި ގާތްގަނޑަކަށް 1.2ކިލޯމީޓަރ ދުރުގައި އޮތް ގަލުފަޅަށް ވެލިއަޅައިގެން މާލޭގެ ރައްޔިތުންނަށް ބީޗެއް ހައްދަވައިދެއްވުމުގެ ވިސްނުންފުޅުވެސް ގެންގުޅުއްވި. ނަމަވެސް އެއަށްވުރެވެސް އަވަހަށް ސީދާ މާލެއިން މާލޭގެ ހުޅަނޑު ސަރަހައްދުން މިފެންވަރުގެ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީ ކުރެވިގެންދާނެކަން މި ޗާޓުން މި ފެންނަނީ." ނިހާން ވިދާޅުވިއެވެ.މާފަންނު ދެކުނުދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މި ޕްރޮޖެކްޓަކީ އެދާއިރާގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ޕްރޮޖެކްޓްކަމަށާއި މިއީ އެދާއިރާއަށް ލިބިގެންދިޔަ  ވަރަށްބޮޑު ކުރިއެރުމެއް ކަމުގައެވެ."އަޅުގަނޑު ބޭނުމެއްނުވި އަޅުގަނޑުގެ ދާއިރާ މީހުންގެ ކައިރީގައި މިވާހަކަ އެއްވެސް ވަރަކަށް ދައްކާކަށް. އެންމެ ފަހު ވަގުތާއި ހަމައަށްވެސް އަޅުގަނޑު މިވާހަކަ ނުދައްކާ ސަޕްރައިޒެއްގެ ގޮތުގައި ބޭއްވީ. ހަޤީޤަތުގައި މި ވެގެންދާނީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް މިހާތަނަށް ލިބިގެންދާނެ އެންމެ ބޮޑު ކުރިއެރުމަށް. ހަމަ އެއާއެކީގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ސްކޫލް ޗުއްޓީގައި އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން މޫދައް އެރެން ވިލިނގިއްޔަށް ދާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން މޫދަށް އެރޭނީ ދާއިރާގައި. ދާއިރާގައި ހެދިފައިވާ ބީޗްގައި. އެއީ އަޅުގަނޑުމެންގެ ދާއިރާއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް." ރިފާއު ވިދާޅުވިއެވެ.މާލޭ ހުޅަނގު ފަރާތް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 40 މިލިޔަން ރުފިޔާއަށްކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.