ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން- މިނިސްޓަރ ފައްޔާޟް


ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން އަދިވެސް އެންމެ ރައްކާތެރީ ދިވެހިރާއްޖެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިތާ 3 މަހަށްވުރެ ގިނަ ދުވަސްފަހުން އަލުން ބޯޑަރުތައް ހުޅުވާލުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީވެސް ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިއަދަކީ އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ޙާއްސަ ދުވަހެއްކަމަށެވެ.

ނިއު ނޯމަލްގެ ދަށުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު، ފަތުރުވެރިކަމަށް އަދިވެސް އެންމެ ރައްކާތެރި މަންޒިލަކީ ދިވެހިރާއްޖެކަމަށް ފައްޔާޟް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ ސާވޭތަކުންވެސް ރާއްޖެއަށް އޮތް ޑިމާންޑް ހާމަވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ބަރޯސާ ވާނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރެވޭ މިންވަރާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޯވިޑް-19 ޙާލަތު އޮންނާނެ ގޮތެއްގެ މައްޗަށްކަމަށެވެ. އެހެންނަމަވެސް މިދަނޑިވަޅުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް މިހާރުވެސް އޮޕަރޭޓްކުރަމުންދާ ބޮޑެތި އެއަރލައިންތަކާއި، ޗާޓަރ ފްލައިޓްތައް އޮޕަރޭޓްކުރާ ފަރާތްތަކާއެކު ދަތުރު ފެށުމާގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގެ ޙާލަތު އެފަރާތްތަކަށް އޮޅުން ފިލުވައިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރ ފައްޔާޞް ފާހަގަކުރެއްވިއެވެ.

"މިހާރުގެ ޓްރެންޑަކީ ބޮޑަށް ހުޅުވުމަށޭ ދުނިޔެ ދެންދާނީ. އަޅުގަނޑުމެންނަށް ކޮމްޕެޓިޓިވް އެޑްވާންޓޭޖް އެބައޮތް ރާއްޖެ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިޙާރުކުރުމަށް. މައިގަނޑުކޮށް އޮޕަރޭޓްކުރާ އެއަރލައިންތަކާއި ވާހަކަދެކެވި ދަތުރުތައް ޝެޑިއުލްކުރަމުން މިދަނީ. ޤަތަރު، އެމިރޭޓްސް، ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް އަންނަމަހު ފަށާނެކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައި" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ދިރުންލިބި މާލީ ޙާލަތު ރަނގަޅުކުރުމަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުން އިޙްތިރާމްކޮށް، އެޗް.ޕީ.އޭއާއި ޓޫރިޒަމް މިނިސްޓްރީންވެސް އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކޮށްގެންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19އާއެކު އުޅެން އެންމެވެސް ދަސްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސޭފްޓީ މެޝާރޒް ވަރުގަދަކުރި ވަރަކަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބިގެންދޭ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް. އެހެންވީމަ ވަރަށް މުހިއްމު މިއަދުގެ ޙާލަތަކީ އާއްމު ޙާލަތެއްނޫންކަން ހުރިހާ ރައްޔިތުންވެސް ބަލައިގަނެގެން އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ވީހާވެސް ބޮޑަށް ޢަމަލުކުރުން. އެއީ މިހުރިހާ ކަމަކީ ހުރިހާ ޤައުމަކުންވެސް ބަލާ މޮނިޓަރކުރާނެކަންކަން" ފައްޔާޟް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލާފައި ވަނީ އެއަރޕޯޓް ސްޓާފުންނާއި، އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށް މުޅި އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.

ނިއު ނޯމަލްގައި ވީ.އައި.އޭއަށް ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމް.އޭ.ސީ.އެލްއިން ވަނީ ތައްޔާރުވެފައެވެ. އަދި އެއަރޕޯޓުގެ ތަންތަން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކަނޑައަޅާ ވަކި ޝެޑިއުލެއްގެ ދަށުން އެކުންފުނިން ކުރަމުންދާނެއެވެ.