ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިނުގަންނަކަމަށް އެމެރިކާއިން ބުނެފިއެވެ. އެ ޤައުމުން އެހެން ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށްފަހުއެވެ.
ދެކުނު ޗައިނާގެ މިލްކުވެރިކަމާމެދު ޗައިނާއާއި އަވަށްޓެރި ޤައުމުތަކާއި ދެމެދު ބޮޑެތި ދެބަސްވުންތަކެއްވަނީ އުފެދިފައެވެ. ޗައިނާއިން ބުނާ ގޮތުގައި އެ ކަނޑުގެ 90 އިންސައްތަ ހިމެނެނީ އެ ޤައުމުގެ ސަރަހައްދުތަކުގެ ގޮތުގައެވެ. އެ ކަނޑަކީ އަހަރަކު 3 ޓުރިލިން އެމެރިކާ ޑޮލަރުގެ މުދާ އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް ބޭނުންކުރާ މުހިންމު ސަރަޙައްދެކެވެ. ޗައިނާގެ އިތުރުން ބުރުނާއީއާއި މެލޭޝިޔާއާއި ފިލިޕީންސާއި ޓައިވާނާއި ވިއެޓުނާމުންވެސް އެ ކަނޑުގެ ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ.
އެމެރިކާގެ ޚަރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ޗައިނާއިން ބޭނުންވާގޮތަށް ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދަކީ އެ ޤައުމުގެ މިލްކިއްޔާތެއްކަމަށް ކަނޑައެޅޭނެ އެއްވެސް ޤާނޫނީ އުޞޫލެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ދަޢުވާކުރާ އެހެން ޤައުމުތަކަށް ޗައިނާއިން ބިރުދައްކަމުންދާކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިނުގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޗައިނާއިން ބުނީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާބެހޭ މައްސަލަ ބޮޑުކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޞުލްޙަ ދެމެހެއްޓުމުގެ ނަމުގައި އެމެރިކާއިން ދަނީ އެ ޤައުމުގެ ބާރުވެރިކަން ދައްކަމުންކަމަށްވެސް ޗައިނާއިން ބުންޏެވެ.
ވިޔަފާރިއާއި ކޯވިޑް-19ގެ މައްސަލައިގައި ފާއިތުވި ދުވަސްތަކުގައި ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.