ޚަބަރު

ބަލި ފެތުރޭ މިންވަރު އިތުރުވުމުން ހަރުކަށި ފިޔަވަޅުތަކެއް ކެލިފޯނިޔާގައި އަޅަނީ


އެމެރިކާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުކަމުގައިވާ ކެލިފޯނިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން އެ ސްޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

40 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކެލިފޯނިޔާގައި މިހާތަނަށް 336،037 މީހުންނަށް ބަލި ޖެހި، 7،096 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކެލިފޯނިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައިވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާ ސަރަޙައްދުތަކުގެ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ޖިމްފަދަ ތަންތަން އަލުން ހުޅުވުމުގެ ޙުއްދަވަނީ ދީފައެވެ.

ކެލިފޯނިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު 20 އިންސައްތައަށް އިތުރުވުމުންނެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން އެ ސްޓޭޓުގެ ކިޔަވާކުދިން އެންމެ ގިނައިން ދިރިއުޅޭ ދެ ސިޓީކަމަށްވާ ލޮސް އެންޖެލެސާއި ސެން ޑިއޭގޯގެ މަދަރުސާތައް ހުޅުވުންވަނީ ފަސްކޮށްފައެވެ. އެ ފިޔަވަޅު އަޅާފއަިވަނީ ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި 706،000 ކިޔަވާކުދިން މަދަރުސާތަކަށް އެނބުރި ދިއުމަށް ހަމަޖެހިފައިވަނިކޮށެވެ.

އޭގެ އިތުރުން އެ ސްޓޭޓުގެ ހުރިހާ ކައުންޓީއެއްގެ ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ސިނަމާތަކާއި ދާރުލްއާސާރުތައްވެވަނީ ބަންދުކޮށްފައެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ކައުންޓީތަކުގެ ޖިމްތަކާއި ދީނީ މަރުކަޒުތަކާއި ސެލޫންތައްވެސްވަނީ ބަންދުކޮށްފައެވެ.