ޚަބަރު

ބަލި ފެތުރޭ މިންވަރު އިތުރުވުމުން ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް ހޮންގުކޮންގުގައި އަޅަނީ


ކޯވިޑް-19 ފެތުރޭ މިންވަރު ހޮންގުކޮންގުގައި ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ޖުލައި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ޤައުމުގައި ކުރިއަށްވުރެ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އަލަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުން މާސްކު ބޭނުންކުރުން މަޖުބޫރުވާނެއެވެ. ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ ހަވީރު 6 ޖަހަންދެންނެވެ. ޢާންމު ތަންތަނުގައި މާސްކު ބޭނުން ނުކުރާނަމަ 645 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކުރާނެއެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރެން ފެށުމުން ހޮންގުކޮންގުގައި ބޭއްވޭނީ ގިނަވެގެން 4 މީހުން ބައިވެރިވާ ބައްދަލުވުންތައްކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. އޭގެ ފަހުން ބަލި ފެތުރޭ މިންވަރު ދަށަށް ދިއުމުން އެ ފިޔަވަޅުވަނީ އުވާލައިފައެވެ. ނަމަވެސް އެ ފިޔަވަޅު އަލުން އެޅުމަށް ހޮންގުކޮންގުގެ ސަރުކާރުންވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ޖިމްތަކާއި މޫނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށްގެންދާ މަރުކަޒުތައްވެސް ބަންދުކުރާނެއެވެ. އެގޮތުން ގިނަ ދުވަސްތަކަކަށް ބަންދުކުރުމަށްފަހު ޖޫން މަހުގެ ތެރޭގައި އަލުން ހުޅުވި ޑިސްނީ ވޯލްޑު ޖުލައި މަހުގެ 15ވަނަ ދުވަހުން ފެށިގެންވަނީ ބަންދުކުރަން ނިންމާފައެވެ.

ހޮންގުކޮންގުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނީ ބަލި ޖެހޭ މީހުންގެ ޢަދަދު އާދަޔާޚިލާފަށް ގިނަވުމުންކަމަށެވެ. ހޮންގުކޮންގުގައި އަލުން ބަލި ފެތުރޭ ސަބަބު ނޭނގޭކަމަށާއި ބަލި ފެތުރޭ މިންވަރު އިތުރުވުން ދޭހަކޮށްދެނީ މުޖުތަމަޢުގެ ތެރޭގައި އަދިވެސް ވަރަށް ހަލުވިކަމާއެކު ބަލި ފެތުރެމުންދާކަންކަމަށް އެ ޤައުމުގެ ސަރުކާރުން ބުންޏެވެ.

7.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންގުކޮންގުގައި މިހާތަނަށް 1،570 މީހުންނަށް ބަލި ޖެހި، 8 މީހުންވަނީ މަރުވެފައެވެ.