ޚަބަރު

އދ.ން ރާއްޖެއަށް އެހީދޭނެ ތަރައްޤީގެ އޮނިގަނޑުގައި ސޮއިކޮށްފި


ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދިވެހިރާއްޖޭގެ ތަރައްޤީއަށް އދން އެހީ ފޯރުވައިދޭނެ ދާއިރާތައް ކަނޑައަޅާފައިވާ ތަރައްޤީގެ އޮނިގަނޑު "ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމެންޓް އެސިސްޓެންސް ފްރޭމްވޯކް" (އުންޑާފް)ގައި ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ސޮއިކޮށްފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި ތަރައްޤީގެ އޮނިގަނޑުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން. އދ.ގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާއެވެ. މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިފައިވާ މި އޮނިގަނޑާއިގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އަންނަ މަހު ރާއްޖެ އދ.ގެ މެންބަރަކަށް ވިތާ ފަންސާސް އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށާއި، ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރެވުނު މަސައްކަތުގައި އދން އިސް ދައުރެއް އަދާކޮށްފައިވާކަމަށެވެ. ރާއްޖޭއަށް ސިއްޙީ ދާއިރާއިންނާއި ތައުލީމީ ރޮނގުން ހާސިލުކުރެވިފައިވާ ލަނޑުދަނޑިތައް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިއަދު ސޮއިކުރެވުނު އެގްރީމެންޓްގައިވާ، ޒުވާނުންނާއި ކުޑަކުދިންނާއި ގުޅޭކަންކަމާއި، ޖިންސީގޮތުން ކުރެވޭ ތަފާތުތައް ކުޑަކުރުމާއި، އަންހެނުން ބާރުވެރި ކުރުވުމާއި، ހެޔޮވެރިކަން، އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން އިތުރަށް މަސައްކަތް ކޮށް ކާމިޔާބުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ، މިސް ޝޯކޯ ނޯޑާ ވިދާޅުވީ، މިއަދު ސޮއިކުރެވިގެންދިޔަ "ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމެންޓް އެސިސްޓެންސް ފްރޭމްވޯކް"އަކީ، ރާއްޖޭގެ ސަރުކާރާއި، އާންމު މުޖުތަމާއި އދ ގެ އެޖެންސީތަކާއި ދެމެދު ކަންކަން ކުރުމުގައި އުފެދިފައިވާ ގާތްގުޅުން ދައްކައިދޭ އެއްބަސްވުމެއްކަމަށެވެ. މިސް ޝޯކޯ ނޯޑާ ވަނީ ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކާއި ބައެއްކަންކަމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.މިއެއްބަސްވުމުގެ ދަށުން ތިމާވެށީގެ ކަންކަމާއި އެހެނިހެންވެސް ހާސިލުކުރަންޖެހޭ ކަންކަން ގުޅިގެން ކުރަމުންގެންދާނެކަމަށް އޭނާ ވިދާޅުވި.ތަރައްޤީގެ އޮނިގަނޑުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ.ގެ 11 ޖަމިއްޔާއަކުން ބައިވެރިވާއިރު، މިއޮނިގަނޑަށް ގާތްތަގަނޑަކަށް 53 މިލިޔަން ޑޮލަރު ހޭދަވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. ދިވެހި ސަރުކާރާއި އދ.ގެ ޖަމާއަތްތަކުން ގުޅިގެން މި އޮނިގަނޑުގެ ނަތީޖާތައް ހާސިލު ކުރެވޭތޯ ކުރިއަށް އޮތް 5 އަހަރުގެ ވަރަށް ގާތުން ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.