ޚަބަރު

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އަންގައިފި


ހުޅުމާލެއާއި ޕެރަޑައިސް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށް ކަމަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން އެބަހުރިކަމަށާ، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވަނީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެ ސަރަޙައްދުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ދޯނި އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.