ޚަބަރު

"ޢާންމު ޙާލަތަށް ރުޖޫޢަވެވޭނެ ދުވަހެއް ނޭނގޭ، ޙާލަތު ދަނީ ގޯހުން ގޯހަށް"


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު ކުރިއަށް އޮތް ތަނުގައި ދާނީ ގޯހުން ގޯހަށްކަމަށާއި ކުރީގެ ދިރިއުޅުމަށް އަވަސް މުސްތަޤުބަލެއްގައި ރުޖޫޢަނުވެވޭނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ބުނެފިއެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 13 މިލިއަނަށް އިތުރުވެ، ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ ބައި މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އެއް މިލިއަނަށް އިތުރުވެފައިވަނީ 4 މަސް ދުވަހުންނެވެ. އެ ޢަދަދު ދެގުނައަށް އިތުރުވާން ނެގީ އެންމެ 12 ދުވަހެވެ. ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ނަގާ މުއްދަތު ހަލުވިކަމާއެކު އަވަސްވެ، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެއް މިލިއަން މީހުންނަށްވަނީ ބަލި ޖެހިފައެވެ.

އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ޖުލައި މަހުގެ 12ވަނަ ދުވަހުއެވެ. އެ ދުވަހު 230،730 މީހުންނަށްވަނީ ބަލި ޖެހިފައެވެ. އެ ދުވަހު ބަލި ޖެހުނު މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ނިސްބަތްވަނީ 10 ޤައުމަކަށެވެ. އަދި އެ ދުވަހު ބަލި ޖެހުނު މީހުންގެ 50 އިންސައްތަ ޙިއްޞާކުރަނީ އެންމެ ދެ ޤައުމުންނެވެ.

ތަފާސްހިސާބަށް އަލިއަޅުއްވާލައްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބުލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިއޭސުސް ވިދާޅުވީ ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަދިވެސް އޮތީ ޢާންމުންގެ އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައިކަމަށެވެ. އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި މާސްކު ބޭނުންކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ކުރާނަމަ ބަލީގެ ސަބަބުން ކުރިމަތިވާ ޙާލަތު ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރަށް ގޯސްވަމުންކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން ދުނިޔެ އޮތް ޙާލަތަށް އަވަސް މުސްތަޤުބަލެއްގައި ރުޖޫޢަނުވެވޭނެކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާ ގިނަ ޤައުމުތަކެއްގައި އަލުން ބަލި ފެތުރެމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގިނަ ޤައުމުތަކުގެ މިސްރާބު ހުރީ ރަނގަޅަށް ނޫންކަމަށްށެވެ.

ބައްޔާމެދު ބައެއް ޤައުމުތަކުގެ އިސްވެރިން ދެކޭގޮތުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމުގައި އަޅާ ފިޔަވަޅުތަކާމެދު ޢާންމުންގެ އިތުބާރު ގެއްލެމުންދާކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.