ސަޢުދީ ޢަރަބިއްޔާގެ މިސްކިތްތަކުގައި އަޟުޙާ ޢީދު ނަމާދު ކުރުމުގެ ޙުއްދަ ދޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގެ މިސްކިތްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރުމަށްފަހު މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު މިސްކިތްތައް އަލުން ހުޅުވުމުގެ ޙުއްދަ އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. ނަމަވެސް ޖަމާޢަތުގައި އަޞުޙާ ޢީދު ނަމާދު ކުރުމުގެ ޙުއްދަ ދޭނީ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތައް އަޅާފައިވާ މިސްކިތްތަކުގައި އެކަނިކަމަށް ސައުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ބުނެފައެވެ. އެގޮތުން ޢީދު ނަމާދު ކުރުމުގެ ޙުއްދަ ދޭ މިސްކިތްތަކުގައި ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ޔަޤީންކުރާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެދެވޭގޮތަކަށް އެޅުމަށް ބާރުއެޅުމުގެ ގޮތުން ދީނީ ޢިލްމުވެރިންނާއި ޢާންމުން ހޭލުންތެރިކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ޚާއްޞަ ޙަރަކާތްތަކެއް އެ ޤައުމުގައި ދަނީ ހިންގަމުންނެވެ. އަދި ޞިއްޙީ އިރުޝާދުތައް އަންގައިދޭ ލިޔުންތައް އެ ޤައުމުގައި ދަނީ ބަހަމުންނެވެ.
ކޯވިޑް-19ގެ ސަބަބުން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޭރު ޤައުމުތަކުން ދަތުރުކުރާ ޙައްޖުވެރިންނަށް ބައިވެރި ނުވެވޭނެ ގޮތަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ނިންމައިފައެވެ. އަހަރެއްގެ މައްޗަށް ދެ މިނިއަނަށްވުރެ ގިނަ މީހުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މި އަހަރު ބައިވެރިވެވޭނީ އެންމެ 1،000 މީހުންނަށެވެ.
ސަޢުދީ ޢަރަބިއްޔާގައި 235،111 މީހުންނަށް ކޯވިޑް-19 ޖެހި، 2،243 މީހުންވަނީ މަރުވެފައެވެ.