ޚަބަރު

އިބްރާހިމް އިސްމާޢީލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ސްޕޯޓްސް ކައުސިލްގެ ރަޢީސް އިބްރާހިމް އިސްމާޢީލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އިސްމާޢީލް ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ނަތީޖާ ޕޮޒިޓިވްވުމުން ރޭގެ ވަގުތެއްގައި އިބްރާހީމް އިސްމާޢީލްވަނީ ހުޅުމާލޭ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އިސްމާޢީލްގެ އާއިލާގެ މެމްބަރުން މިއަދުގެ ވަގުތެއްގައި ކޯވިޑް-19އަށް ޓެސްޓު ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މިމަހުގެ ހަތްވަނަދުވަހު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބޭފުޅުންނާ ކުރެއްވި ބައްދަލުވުމުގައި އިބްރާހީމް އިސްމާޢީލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެކުރިންވެސް ސްޕޯޓްސް ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ އިބްރާހިމް އިސްމާޢީލް އަލުން އެމަގާމަށް އައްޔަންކުރެވުނީ މިދިޔައަހަރުއެވެ.

އިބްރާހިމް އިސްމާޢީލްވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ އިތުރުންވެސް ކުޅިވަރު ދާއިރާގައި ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އިބްރާހިމް އިސްމާއިލް ކުޅިވަރަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އެވޯޑާއި ޝަރަފުވެރިކަމުގެ އެވޯޑުވެސް އަރުވާފައެވެ.