ވިޔަފާރި

ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ލިބެންޖެހޭ


ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޙިދުމަތްތައް ލިބެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އި ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ އިޤްތިސާދީ ކޮމިޓީއިން ސަރުކާރު ކުންފުނިތައް ވިލަރެސްކުރާ އެސްއޯއީ ކޮމެޓީއަށް މިކަމާ ގުޅޭގޮތުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ބީއެމްއެލްއިން ވަނީ ސިޓީއެއް މެދުވެރިކޮށް ޖަވާބުދީފައެވެ. އެހެންނަމަވެސް މި ސިޓީގައި ބޭންކުން އޭޓީއެމްގެ ޙިދުމަތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދޭން ފަށާނެ ތާރީޙްތައް އެނގެން ނެތުމުން، މި ތާރީޙުތައް ކަމާބެހޭ އިދާރާތަކުން ހޯދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ޙިދުމަތްތައް ކުރިއަށް އޮތް 2 އަހަރު ދުވަހުގެތެރޭ ދޭން ފަށަންޖެހޭނެކަމަށް ބުނެފައެވެ. އަދި އެ ޤާބިލްކަން ބީއެމްއެލްގައި އެބަހުރިކަމަށްވެސް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް މެމްބަރުންވަނީ ރަށްރަށުގައި ވަޒީފާތަކުގައި އުޅޭ ފަރާތްތަކުގެ މުސާރަ ޖަމާވަނީ ބީއެމްއެލްގެ އެކައުންޓުތަކަށް ކަމަށްވާއިރު، މުސާރަ ނެގުމަށް ފައިސާ ދީފައި އެހެން ރަށްރަށަށް ދަތުރު ކުރަންޖެހޭކަންވެސް ފާހަގަކޮށްފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ރަށްރަށުގައި ދަނޑުވެރިކަން އަދި މަސްވެރިކަން ކުރާ ފަރާތްތަށް ބޭންކިންގެ ޙިދުމަތްތައް ހޯދަމުން ނުދާތީ، ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ބޭންކުތަކުން ލޯން ހޯދުމަށް ދަތިވާކަން ފާހަގަކޮށްފައެވެ.

" ދުވަހުން ދުވަހަށް ލިބޭ ފައިސާ އެކައުންޓުތަކަށް ޖަމާކުރެވޭނެ ގޮތެއް އޮތް ނަމަ، އެކައުންޓު އޮންނާނީ ވަރަށް ބޮޑަށް ރޯލްވެފައި، ލޯންއަށް އެޕްލައިކޮށްގެން ރަގަޅު ލޯންތައްވެސް ލިބޭނެ އޭރުން، އެހެން ނަމަވެސް އޭގެ ވަސީލަތެއް ނެތީމަ އެކަމުގެ ދަތި އެބަ ދިމާވޭ ވަރަށް ގިނަ ޒުވާނުންނަށް،" ޝިޔާން ވިދާޅުވިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓުހައުސްތައް ހިންގަމުންދާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުންވެސް މުޙިއްމުކަމަށް މެމްބަރުންވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން އޭޓީއެމްގެ ޙިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އެ ބޭންކުން ވަނީ ރާއްޖޭގައ މިހާތަނަށް 119 އޭޓީއެމް ބަހައްޓާފައެވެ. އަދި އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.