ވިޔަފާރި

ޤަވާއިދާ ހިލާފަށް ބޯޓުފަހަރުގައި ބިދޭސީން ގެންގުޅުމުން ބޭރަށް މަސް އެކްޕޯޓްކުރަން ހުރަސްއެޅޭ


މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޤަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުމުން ބޭރުގެ މާކެޓްތަކަށް ރާއްޖެއިން މަސްވިއްކުމަށް ހުރަސް އެޅޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ބޮޑު ކަންނެލީގެ މަސްވެރިކަމާބެހޭ ޔޫނިއަންއިން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުތަކުގައި ލިޔެކިޔުން ނެތް ބިދޭސީން ގެންގުޅުމުން މިނިސްޓްރީގެ އަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށެވެ. ހާއްސަކޮށް ބައިނަލްއަޤްވާމީ ގޮތުން ބަލާ އިލީގަލް، އަންރިޕޯޑަޓް، އަންރެގިއުލޭޑަޓް، ނުވަތަ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ޤައުމެއްގެ ގޮތުގައި ބައެއް ފަރަތްތަކުން ރާއްޖެ ލޭބަލްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ބޭރަށް މަސް އެކްސްޕޯޓްކުރުމަށްވެސް ހުރަސްއެޅޭކަމަށް ޒިޔާދު ވިދާޅުވިއެވެ.

" މަސްވެރިކަން ރާވާ ބަލަހައްޓާ ހިންގާ ވުޒާރާގެ ހައިސިއްޔަތުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ. އުދަގުލަކީ ޤަވައިދާ ހިލާފަށް، ހާއްސަކޮށް މަސްވެރިކަމުގެ ޤަވައިދާވެސް ހިލާފަށް އުޅަނދުތަކުގައި ބިދޭސީން ހަރަކާތްތެރިވީމަ ދިވެހިރާއްޖޭގެ މަސްވެރިކަމުގައި އެބައެޅޭ އައިޔޫޔޫ ނަން. އިލީގަލް، އަންރިޕޯޑަޓް، އަންރެގިއުލޭޑަޓް. އެނަން އެޅުމަކީ ބޭރުގެ މާކެޓްތަކަށް މަސްވިއްކުމަށް އަޅުގަނޑުމެނަށް އެޅޭ ބޮޑު ހުރަހެއް." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ކުރީގެ ޤާނޫނުތަކުގައި ހުރަސްތަކެއް ހުރިކަމަށެވެ. ނަމަވެސް މިހާރު އޮތް ޤާނޫނުގެ ދަށުން މަސްދޯނިތަކުގައި ބިދޭސީން ގެންގުޅޭނަމަ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ޤަވާއިދުތަކެއް އެކުލަވާލާ ގެޒެޓްކުރުމަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާ ހިލާފަށް ވަންނަ ބޭރުގެ އުޅަނދުތަކުގެ ކަންތައްތައް ހައްލުކުރުމަށްވެސް މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޖޫރިމަނާ ކުރަން ފެށުމުން މިގޮތަށް ޤަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު 14-15 ދުވަސްތެރޭގައި ޖޫރިމަނާ ކުރެވޭނެ ގޮތް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެންމެ ގިނައިން ޤަވާއިދާ ހިލާފަށް ވަންނަ އުޅަނދުފަހަރު ނިސްބަތްވާ ޤައުމުތަކަށް އައު ޤާނޫނުގެ ދަށުން ކުރިޔަށް އޮތްތާނގައި ފިޔަވަޅުތައް އަޅާނެކަމަށް އަންގާފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލްކަން ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށެވެ. ނަމަވެސް ބޯޓުތަކުގެ ރާޑާ ސިސްޓަމްތައް ޓްރެކްކުރުމުގެ ޤާބިލިއްޔަތުކަން މިނިސްޓްރީގައި އެބަހުރިކަމަށާއި، ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހަރަކާތްތެރިވާނަމަ އެކަން މިނިސްޓްރީން އެމްއެންޑީއެފްއާއި ހިއްސާކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.