ކުޅިވަރު

ޤައުމީ ޓީމް ޗައިނާއަށް ދާނީ ޕިލިޕީންސްގައި ކޭމްޕް ކުރުމަށްފަހު


 ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާއަށް ދާނީ ޕިލިޕީންސްގައި ކޭމްޕް
ކުރުމަށްފަހުކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި
ޗައިނާއާ ވާދަކުރާ މެޗަށް ތައްޔާރުވުމަށް ޤައުމި ޓީމް ޕިލިޕީންސްގައި ކޭމްޕްކޮށް
އެޤައުމުގައި ރަޙްމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. ޕިލިޕީންސްގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ
އެގައުމުގެ ކުލަބަކާއެވެ. އަދި ދެވަނަ މެޗްގައި ވާދަކުރާނީ ޕިލިޕީންސްގެ ޤައުމީ ޓީމާކަމަށް
އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ފިލިޕީންސްއާ
ދެކޮޅަށް ޤައުމީ ޓީމް ކުޅޭ މެޗަކީ ފީފާ ރެޖިސްޓާޑް މެޗެއްކަމަށް ބައްސާމް
ވިދާޅުވިއެވެ. ޕިލިޕީންސްގައި ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނެ ޓީމެއް އަދި
ނޭންގޭކަމަށާއި ނަމަވެސް އެޤައުމަށް ފުރުމުގެ ކުރިން އެކަންވެސް ކަށަވަރުވާނެކަމަށް
ބައްސާމް ވިދާޅުވިއެވެ.

ޕިލިޕީންސްގެ ކުލަބާއެކު ކުޅުމަށް ހަމަޖެހިފައިވާ މެޗް
ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެޤައުމުގެ ޤައުމީ ޓީމާ ވާދަކުރުމަށް
ހަމަޖެހިފައިވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.



ބައްސާމް ވިދާޅުވީ ޤައުމީ ޓީމްގެ ފަރިތަކުރުންތައް މިހާރުވެސް ކުރިއަށްދާކަމަށާއި އަދި ބައެއް ކަހަލަ ތިއަރީ ކުލާސްތައް މިހާރުވެސް
އެފްއޭމްގައި ކުރިއަށްގެންދާކަމަށެވެ. ޤައުމީ ކެޕްޓަން އަލީ އަޝްފާގާއި މުހައްމަދު އާރިފް މިދަތުރުގެ ކުރިން ޓީމާއި ގުޅޭނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.