ދައުލަތާއި ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމަށް އެޅެންހުރި އެންމެހައި ފިޔަވަޅުތައް އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލޭގެ ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުއްވި ނޫސްބަޔާނުގައި ވަނީ މިއަދު ހެނދުނު، ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭކަމަށްބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހުޅުމާލޭގައި ކުރި އިހުތިޖާޖަކާ ގުޅިގެން އެސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގައުއުކައި ހަމަނުޖެހުން ހިންގާފައިވާކަމަށެވެ.
މުސާރަ ނުލިބުންފަދަ މައްސަލަތައް ހައްލުކުރަންވާނީ އެކަންކަން ހައްލުކުރުމަށް އެކަށައަޅާފައިވާ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށާ، ޤާނޫނު ތަންފީޒުކުރަންތިބޭ ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުންދިނުންފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމާއެކު އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަސްނުޖެހޭނެ ކަމަށެވެ.
މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއްކަމަށާއި މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މޯލްޑިވްސް ކުރަމުންދާކަމުގައި ފުލުހުން ވިދާޅުވިއެވެ.
މިއަދު ހުޅުމާލޭގައި ހިންގި މި ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލްތަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާކަމަށާއި މި ކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް ފުލުހުންގެ ބަޔާނުގައިވަނީ ހާމަކޮށްފައެެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއްވިއެވެ.