ވިޔަފާރި

އެމްއެމްއޭ އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަނީ


3 އަހަރު ދުވަހަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަން އިޢުލާންކޮށްފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރަށް އެ އޮތޯރިޓީ އޮޑިޓްކޮށްދޭނެ އެކްސްޓާނަލް އޮޑިޓް ފާމެއް ބޭނުންވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ލައިސަންސް އޮތް އޮޑިޓް ފާމްތަކަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ބިޑިންގައި ބައިވެރިވެވޭނީ ރާއްޖޭގައި ހިންގާ އޮޑިޓް ފާމްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށައަޅާ ރަޖިސްޓްރީވާ އޮޑިޓް ފާމްތަކަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބިޑް ހުށަހަޅާ ފަރާތްތަކުގެ އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.