ޚަބަރު

ހަނގުރާމަތަކަށްދާ ދިވެހިންގެ އަދަދު މަދު ކުރެވިދާނެ- ސީޕީ


ކަމާގުޅުން ހުރި އިދާރާތަކުގެ މެދުގައި އެންމެ އެކަށޭނަ ގޮތަކަށް މަޢުލޫމާތު ބަދަލުކުރެވި އެކަންކަމުގެ ސައްހަ މަޢުލޫމާތު ލިބިއްޖެނަމަ، ބޭރުޤައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މިންވަރު މަދުކުރެވިދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ. ފުލުހުންނާއި އިމިގްރޭޝަން ޑިޕާޓްމެންޓާއި ދެމެދު މަޢުލޫމާތު ބަދަލުކުރުމަށް މިއަދު ފެށިފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވީ ހަނގުރާމަ ތަކުގައި ބައިވެރިވެ ފުރާނަ ދުއްވާލާ ދިވެހީންގެ އަދަދު މިހާރު ގިނަވެފައި ވާކަމަށެވެ. އަދި ސައްހަ މަޢުލޫމާތު ކަމާގުޅޭ އިދާރާ ތަކުގެ މެދުގައި ބަދަލު ކުރެވޭނަމަ އެމީހުން ރާއްޖެއިން ބޭރުވުމުގެ ކުރިން ހިފެހެއްޓިދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވީ މިއަދުގެ މިފޯރަމްގައި، ހަނގުރާމައަށް ދާ މީހުން ހުއްޓުވުމުގެ އިތުރުން، އިންސާނީ ވަގުފާރި ނުވަތަ، ހިއުމަން ޓްރެފިކިންއާއި، ވަގު ޕާސްޕޯޓުތަކުގައި ދަތުރު ކުރާ މީހުން ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.މިއަދުގެ ފޯރަމްގައި އިމިގްރޭޝަންގެ ފަރާތުން ހިއުމަން ޓްރެފިކިން އާއި ޕާސްޕޯޓް ސެކިއުރިޓީ އަދި ހިއުމަން ސްމަގްލިންގެ  މަޢުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައި ވާއިރު، ފުލުހުންގެ ފަރާތުން ގްލޯބަލް ޓެރަރިޒަމް ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމާ ގުޅޭ ގޮތުން ލިބޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައި ވާކަމަށް ފުލުހުން ބުނެއެވެ.