ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި 2،500އަށްވުރެ ގިނަ ކުޑަކުދިންނަށް އިނގިރޭސިވިލާތުގެ ހަސްފަތާލުތަކުގައި ފަރުވާ ދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ފުޑު ފައުންޑޭޝަނުން ޢަންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން 2015ވަނަ އަހަރުން ފެށިގެން 11،500އަށްވުރެ ގިނަ ކުޑަކުދިންނަށްވަނީ ފަރުވާ ދީފައެވެ. އެ ޖަމާޢަތުން މަޢުލޫމާތު އެއްކޮށްފައިވަނީ އިނގިރޭސިވިލާތުގެ 150 ހަސްފަތާލަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކެމްބުރިޖުފަދަ މުއްސަނދި ސިޓީތަކުގައިވެސް 1،000އަށްވުރެ ގިނަ ކުޑަކުދިންނަށް ހަސްފަތާލުތަކުންވަނީ ފަރުވާ ދީފައެވެ. އެހެންކަމުން އެފަދަ ސިޓީތަކުގެ މުއްސަނދިންނާއި ފަޤީރުންނާ ދެމެދު އޮންނަ ފަރަޤު ވަރަށް ބޮޑުކަމަށްވަނީ ޤަބޫލުކުރެވިފައެވެ.
ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން 2019ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހަސްފަތާލުން ފަރުވާ ހޯދި ކުޑަކުދިންނަށްވުރެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަރުވާ ހޯދި ކުޑަކުދިންގެ ޢަދަދު ދެ ގުނައަށްވަނީ އިތުރުވެފައެވެ. އެއާއެކު ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ޙާލަތުގެ ސަބަބުން ގިނަ އާއިލާތަކަށް ކާބޯތަކެތި ހޯދުމުގެ ދަތިތަކެއް ދިމާވެފައިވާކަމަށްވަނީ ބެލެވިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ސަބަބުން ކުޑަކުދިން ދިރިއުޅޭ ގޭބިސީތަކުގެ ފަސް ބައިކުޅަ އެއްބަޔަށްވަނީ ކާބޯތަކެތި ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ލިބަރެލް ޑިމޮކްރަޓުންނަށް ނިސްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ލޭލާ މޯރަން ވިދާޅުވީ އެ ޢަދަދުތަކާމެދު ހައިރާންވާކަމަށާއި އިނގިރޭސިވިލަތްފަދަ ޤައުމެއްގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން ފަރުވާހޯދަން ޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެންމެންނަށްވެސް އިޖުތިމާޢީ ރައްކާތެރިކަން ޔަޤީންކޮށްދޭ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާކަމަށެވެ. އަދި އެއްވެސް މީހަކު ކާބޯތަކެއްޗަށް ޖެހިފައިނުވާކަން ކަށަވަރުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.