ޚަބަރު

ފަލަސްޠީނުގެ ގިނަ ސަރަޙައްދުތައް ފުރަބަންދުކޮށް، ކާފިއު އިޢުލާންކޮށްފި


ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ސަރުކާރުން ކާފިއު އިޢުލާނުކޮށްފިއެވެ.

ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް އަލްޚަލީލާއި ބައިތަލްއަޙަމާއި ރާމަﷲއާއި ނާބުލުސްވަނީ ހަތަރު ދުވަހުގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް އެ ސަރަޙައްދުތަކުގައި ކާފިއު އިޢުލާނުކޮށްފައިވަނީ ރޭގަނޑު 8ން ހެނދުނު 6ށެވެ. އޭގެ އިތުރުން ކުރިއަށް އޮތް ދެ ހަފުތާއަށް އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ. ފަލަސްޠީނުގެ ސަރުކާރުންވަނީ ކޯވިޑް-19ގެ އަސަރުކޮށްފައިވާ ހުރިހާ ސަރަޙައްދެއް ދެ ހަފުތާއަށް ފުރަބަންދުކޮށްފައެވެ. އޭގެ ތެރޭގައި ރެފިއުޖީން ދިރިއުޅޭ ކޭންޕުތައްވެސް ހިމެނެއެވެ.

ފަލަސްޠީނުގައި 7،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 37 މީހުންވަނީ މަރުވެފައެވެ. ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 348 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ފެނިފައިވަނީ އަލްޚަލީލުންނެވެ.

ކާފިއު ހިންގިނަމަވެސް ބޭކަރީތަކާއި ބޭސް ފިހާރަތައް ހުޅުވުމުގެ ޙުއްދަވަނީ ފަލަސްޠީނުގެ ސަރުކާރުން ދީފައެވެއެވެ. ނަމަވެސް ކައިވެނި ޙަފުލާތަކާއި ޖަނާޒާތަކުގެ އިތުރުން ގިނަ މީހުން އެއްވާ އެއްވެސް ބައްދަލުވުމެއް ނުބޭއްވޭނެކަމަށް ސަރުކާރުންވަނީ އަންގާފައެވެ. މި އަހަރުގެ ނިޔަލަށް ސެލޫންތައް ހުޅުވުމުގެ ޙުއްދަ ނުދޭންވެސް ސަރުކާރުންވަނީ ނިންމައިފައެވެ. އަދި އެއްވެސް ކުޅިވަރު ޙަރަކާތެއްވެސް މި އަހަރުގެ ނިޔަލަށް ނުބޭއްވޭނެކަމަށްވަނީ ނިންމާފައެވެ.