ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހިގެން ސާބިޔާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ފަސްވަނަ ދުވަހަކަށް ދިގުލައިގެން ގޮސްފިއެވެ.
ސާބިޔާގެ ވެރިރަށް ބެލްގުރޭޑުގައި ހުންނަ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތް ދޮށަށް އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް އެއްވެ މުޒާހަރާކޮށް ނުރުހުން ފައުޅުކުރަން ފެށީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސާބިޔާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާމެދު އެ ޤައުމުގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެ ހިތްހަމަނުޖެހުމުގެ ތެރެއިން މުޒާހަރާކުރާ މީހުން ދަނީ ސާބިޔާގެ ރައީސް އަލެކްސެންޑަރު ވުޗިޗުގެ އިސްތިޢުފާއަށްވެސް ގޮވާލަމުންނެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ކޯވިޑް-19ގެ ސަބަބުން ސާބިޔާއަށް ކުރިމަތިވެފައިވާ ޙާލަތުގެ ފުރިހަމަ މަޢުލޫމާތު ސަރުކާރުން ޙިއްޞާ ނުކުރާކަމަށާއި ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދު އިންދަޖެހިފައިވާކަމަށެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވީ ފުޓުބޯޅަ މެޗުތަކާއި ދީނީ އެއްވުންތަކާއި އެކި ޙަފުލާތައް ބޭއްވުމުގެ ޙުއްދަ މިދިޔަ މެއި މަހުގެ ތެރޭގައި ސަރުކާރުން ދިނުމުންކަމަށް މުޒާހަރާކުރާ މީހުން ޤަބޫލުކުރެއެވެ. އަދި ޖޫން މަހުގެ 21ވަނަ ދުވަހު ޢާންމު އިންތިޚާބުގެ ވޯޓުލުން ބޭއްވުމުންވެސް އެ ޤައުމުގައި ބަލި ފެތުރުން އިތުރުވެފައިވާކަމަށް އެ މީހުން ބުނެއެވެ. އިންތިޚާބު ބޭއްވުމުގެ ބޭނުމުގައި ޤައުމުގެ ޙާލަތު އޮޅުވާލައިފައިވާކަމަށް ގިނަ ޢަދަދެއްގެ މީހުން ތުހުމަތުކުރެއެވެ. ނަމަވެސް ރައީސް ވުޗިޗުވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތަކަކީ އެއްވެސް ބުރަދަނެއް ނެތް، ތާކުންތާކުނުޖެހޭ ތުހުމަތުތަކެއްކަމަށެވެ.
ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސާބިޔާގައި 18،360 މީހުންނަށް ކޯވިޑް-19 ޖެހި، 393 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައި ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިންތިޚާބެއް ބޭއްވި ފުރަތަމަ ޤައުމަކީ ސާބިޔާއެވެ.