ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވާ، އެޗްއާރްސީއެމް - ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ފަށައިފިއެވެ.
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތް ކުރުމުގައި ޝާމިލުވާ މަދަނީ ޖަމްޢިއްޔާތަކާއިއެކު، 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި މި އަހަރު 30 ފަރާތަކުން ބައިވެރިވެއެވެ. ކޮންމެ އަހަރަކު ވަކި ޝިއާރެއްގެ މައްޗަށް ކުރިއަށްގެންދާ މި ފޯރަމުގެ މި އަހަރުގެ ޝިއާރަކީ، "އޮކިޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ"އެވެ.
މިއީ، މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި މެދު މައުލޫމާތު ބަދަލުކުރެވި، އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރަން ލިބުނު ފުރުސަތެއް ކަމަށް އެޗުއާރުސީއެމުން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗުއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވީ، މި ފޯރަމް މެދުވެރިކޮށް ސީއެސްއޯތަކާއި ގާތުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން ބާއްވާފައިވާ މިފަދަ ފޯރަމްތަކުގައި ނިޒާމީ ގޮތުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެޗްއާރުސީއެމްގެ އެއް މަޤްސަދަކީ ސީއެސްއޯތަކަށް އެހީއާއި އެއްބާރުލުން ދިނުން. މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުގެ އަޑުތައް މިހާރު ވަނީ، ގަދަވެފައި. އެއާއިގުޅޭ ޤާނޫނަށްވެސް ވުޖޫދެއް އެބައޮތް. މިހާރު މިއޮތީ އެންމެން ހޭލުންތެރި ކުރުމުގެ މަސައްކަތް އަޅުގަނޑުމެންނާއި ޖެހިފައި." އެޗްއާރުސީއެމްގެ ނައިބު ރައީސް މުޙައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވިއެވެ.
މި ފޯރަމްގައި ރާއްޖޭގެ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ގުޅުން ހުރި އަދާހަމަތައް ހިއްސާ ކުރުމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅުންހުރި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި މެދު ވިސްލް ބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއިއެކު ގުޅުން ބަދަހިކުރުމަށް މިފޯރަމްގެ ތެރެއިން ކުރިޔަށް ގެންދާނެއެވެ.
ސީއެސްއޯތަކާ ގުޅިގެން ތީމެޓިކް ދާއިރާތަކުން ހަތަރު ފޯރަމް މި އަހަރު ބާއްވާނެ ކަމަށްވެސް މީގެކުރިން އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. މިއީ، މި އަހަރު ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. 2023ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ފޯރަމް ކުރިއަށް ގެންދެއެވެ.