ކުޅިވަރު

ސިޓީގެ ސަސްޕެންޝަން އުވާލަން ސީއެސްއޭއިން ނިންމައިފި


ކުރިއަށްއޮތް ދެއަހަރު ޔޫރަޕުގެ މުބާރާތްތަކުގައި ބައިވެރި ނުވެވޭގޮތަށް ޔޫއެފާއިން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީއަށް އަޅާފައިވާ ސަސްޕެންޝަން އުވާލަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން އަންގައިފިއެވެ.

ޔޫރަޕްގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ، ޔޫއެފާއިން ކުރިއަށްއޮތް ދެއަހަރު ޔޫރަޕުގެ ފުޓުބޯޅަ މުބާރާތްތަކުގައި ސިޓީއަށް ވާދަނުކުރެވޭގޮތަށް އެކުލަބު ސަސްޕެންޑްކުރީ، ޔޫއެފާގެ ކްލަބް ލައިސަންސިންގައި މަކަރުހަދައި، ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލުތަކާއި ޚިލާފުވެފައިވާކަމުގެ ތުހުމަތުގައި މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. މިމައްސަލާގައި ޔޫއެފާގެ ކްލަބް ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީންވަނީ ތިރީސް މިލިއަން ޔޫރޯއިން އެކުލަބު ޖޫރިމަނާވެސް ކޮށްފައެވެ.

ނަމަވެސް މިމައްސަލާގައި ސިޓީންވަނީ މިއީ އިންސާފުން ކޮށްފައިވާކަމެއް ނޫން ކަމަށް ބުނެ މިމައްސަލަ ވަގުތުން ކޯޓް އޮފް އާބިޓްރޭޝަން ސީއެސްއޭއަށް ފޮނުވާފައެވެ. އެއާއިއެކު ސީއެސްއޭއިންވަނީ މިދިޔަ މަހުގެތެރޭގައި މިމައްސަލައިގެ އަޑުއެހުންތައް ބާއްވާފައެވެ.

މިމައްސަލަ ބެލުމަށްފަހު ސީއެސްއޭއިން މިއަދު ވަނީ، މިއީ ޔޫއެފާއިން އިންސާފުވެރިކޮށް އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށްބުނެ ސަސްޕެންޝަން އުވާލަން ނިންމާފައެވެ. އަދި ސިޓީގެ ބައެއް ޚަރަދުތަކުގައި މައްސަލަ އުޅޭކަމަށާއި، ނަމަވެސް މިއީ ޔޫއެފާއިން ހައްލު ކުރެވޭނެ މައްސަލަތަކެއް ކަމަށެވެ.

ސީއެސްއޭގެ މި ނިންމުން ބަލައިގަނެ ޔޫއެފައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސޯއެސްއޭގެ ނިންމުމަށް އިހުތިރާމް ކުރާކަމަށާއި، އަދި ސިޓީގެ މައްސަލާގައި ޔޫއެފާއިން ރަނގަޅުގޮތެއް ނިންމަން އިތުރަށް މަސައްކަތް ކުރާނެކަމަށެވެ.

ސީއެސްއޭގެ މި ނިންމުމާއިއެކު މެންޗެސްޓާ ސިޓީއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވެފައެވެ. އެއީ ލީގުގައި އެންމެފަހުން ބްރައިޓަންގެ މައްޗަށް 5-0އިން ކުރިހޯދައި ދެވަނަ މަގާމު ކަށަވަރުކުރުމުންނެވެ. އަނެއްކޮޅުން މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ16ގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އެޓީމުން އަންނަ މަހުގެ ހަތްވަނަ ދުވަހު ނިކުންނާނެއެވެ.