ދީން

މާލޭ ސިޓީގެ މިސްކިތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


މާލޭ ސިޓީގެ މިސްކިތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުޅުވާލާފައިވަނީ މިސްކިތައް ނަމާދަށް އަންނަ ބޭފުޅުންނާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ޤައިޑްލައިނެއް ޢާންމުކުރުމާއެކުކަމަށެވެ. ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ ގައިޑްލާ އެއްގޮތަށް ޢަމަލުނުކުރާކަމުގެ ޝަކުވާ ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ނޭޅުމާއި، މުސައްލަ ނުގެނައުމުގެ މައްސަލައަށް އަލި އަޅުވާލެއްވިއެވެ. އަދި ނަމާދުގައި ތިއްބަވާ ބޭފުޅުން މާބޮޑަށް ގާތްގާތުގައި ތިއްބަވާ މައްސަލަވެސް ފާހަގަކުރެއްވިއެވެ. އެޗް.ޕީ.އޭ އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު އޮންނާނެކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމުގައި މޭޔަރ ވިދާޅުވިއެވެ.

މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުން ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.