ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ނޫނީ އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ނުލިބޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަކީ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިޤްތިޞާދެއްކަމަށާއި ސަރުކާރުން ބޭނުންވަނީ ވިޔަފާރިތަކަށް އޮތް ފުރުޞަތުތައް ވީހާވެސް ފުޅާކުރުމަށްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވިޔަފާރިތައް ފުޅާކޮށް، ޓެކްސް ހޯދައިގެން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމަށްކަމަށެވެ. ނަމަވެސް މިކަމުގައި މައްސަލަތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ވިޔަފާރިތަކަށް ވަރަށް ގިނަ ގޮންޖެހުން އެބަހުރި. ސަރުކާރުގެ ތެރެއިން ބައެއް ދިމަދިމާލުން ކަންކަން ހުންނަނީ އެހާ ވިޔަފާރިއާ ރަށްޓެހިގޮތަކަށް ނޫން. ސޯޝަލް މީޑިއާގައި ހިންގާ ކަންކަމާ ދިމާލަށް ވަރަށް ބާރަށް ދާ ތަން އެބަފެނޭ. އެގޮތަށް ކުއްލިކުއްލިއަށް ނިންމުންތައް ނިންމައިގެން ކުރިއަކަށް ނުދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
ވިޔަފާރިތަކުން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ބޭރު މީހުންގެ އިތުރުންވެސް ދިވެހިންނަށްވެސް މުސާރަ ނުދޭ މައްސަލަތައް ގިނަކަމަށެވެ. ނަމަވެސް މިމައްސަލަތަކަކީ ރާއްޖޭގެ އިޤްތިޞާދު ބައްޓަންކުރެވިފައި އޮތްގޮތުން ދިމާވާ މައްސަލަތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯވިޑްގެ ހާލަތުން ފެނުނީ އިޤްތިޞާދު އޮތީ ސްޓްރަކްޗަރަލީ ގޯސްކޮށްކަން. 2 މަސްދުވަހު ހިފަހައްޓާނުލެވުނު 90 އިންސައްތަ ވިޔަފާރިތަކަށް. އެއީ މައްސަލައެއް. އެއީ ވިޔަފާރިތަކުގެ މައްސަލައެއްތޯ؟ ސަރުކާރުގެ މައްސަލައެއްތޯ؟ އެކަންކަން ރަނގަޅުކުރަމުން މިދަނީ، މަސައްކަތް މިކުރަނީ އެކަންކަން ބަދަލުކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިހުރިހާ މައްސަލައެއް ދިމާވަނީ ރާއްޖޭގެ މާލީ ނިޒާމް އޮތްގޮތުންކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމް ބަދަލުކޮށްގެން ނޫނީ މިމައްސަލަތައް ހައްލުނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.