ވިޔަފާރި

މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު އޮންލައިންކޮށް ދެއްކޭނެ


މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޓެކުހުގެ އިތުރުން މީރާއަށް ބަލައިގަންނަމުންދާ އެހެނިހެން ފައިސާގެ ތެރެއިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ފައިސާވެސް މިހާރު އޮންލައިންކޮށް ދައްކާލެވޭނެއެވެ. މިފަދަ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޙާއްސަކޮށްފައިވާ މީރާގެ "ވާރުޕޭ" މެދުވެރިކޮށެވެ.

ވާރު ޕޭ މެދުވެރިކޮށް މީގެކުރިންވެސް ކުންފުނިތަކުގެ އަހަރީ ފީއާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކްއާއި ގުޅޭގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި މިނޫންވެސް ބައެއް ފައިސާ ދިޔައީ ބަލައިގަންނަމުންކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅިގެން މި ފައިސާތަކުގެ އިތުރުން މީރާއަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ވާރުޕޭ މެދުވެރިކޮށް ދައްކާލެވޭނެއެވެ. ވާރުޕޭގެ ޙިދުމަތް މީރާގެ ވެބްސައިޓް އަދި މީރާ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.

ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ ކޮޕީއެއް ބޭނުންވެއްޖެނަމަ ފައިސާގެ ރަސީދު ޑައުންލޯޑްކުރެވޭނެގޮތްވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ. އަދި މީރާ ކަނެކްޓް ޙިދުމަތަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށްވެސް ވާރުޕޭ މެދުވެރިކޮށް ޖީއެސްޓީ ސުންބަޔާން ފަސޭހަކަމާއިއެކު ހުށައެޅޭނެކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަން އިސްކޮށް މީރާގެ ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.