ޚަބަރު

ކޮރަޕްޝަނަކީ ކެންސަރެއް ފަދަ ބައްޔެއް - އިންފޮމޭޝަން ކޮމިޝަނަރ


ކޮރަޕްޝަނަކީ ކެންސަރެއް ފަދަ ބައްޔެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަބުދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދޮ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަންގެ  މީޑިއާ ޕޮލިސީ އިފްތިޠާހުކުރުމާއި ނޭޝަނަލް އިނެޓެގްރިޓީ ޕްލޭންގެ މައުލޫމާތު ޙިއްޞާކުރުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެކަމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ކޮރަޕްޝަނަކީވެސް މުޅިން ފަރުވާއެއް ހޯދިފައިނުވާ ބައްޔެއްފަދަ އެއްޗެއްކަމަށެވެ." ކޮރަޕްޝަނަކީ ކެންސަރެއް ފަދަ ބައްޔެއް. އެއީ މުޅިން ފިލުވާ ލެވިފައިނުވާ ބައްޔެއް." އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ.ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ހުރަސް އަޅާކަމަށެވެ. ކޮރަޕްޝަން ހުއްޓުވިއްޖެނަމަ ޤައުމުގެ ތަރައްޤީ ވަރަށް ބޮޑަށް ހަލުވި ވެގެންދާނެކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން އިސްރާފްވެގެންދަނީ ޤައުމުގެ ތަރައްޤީކުރަން ބޭނުންވާނެ ވަރަށް ބައިވަރު ފައިސާކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމަށް ކޮމިޝަނަރ ގޮވާލެއްވިއެވެ.ކޮރަޕްޝަން ހުއްޓުވުމުގައި މީޑިއާގެ ދައުރުގެ މުޙިންމުކަން ފާހަގަކުރައްވައި، ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަކުރުމުގެ މުޙިންމުކަމާއި ގުޅޭގޮތުންވެސް އިންފޮމޭޝަން ކޮމިޝަނަރު ވާހަކަފުޅު ދެއްކެވިއެވެ. ކޮމިޝަނަރ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނުން އެކަށައަޅުއްވާފައިވާ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކުންވެސް އަމަލުކުރެއްވުން މުހިއްމުކަމަށެވެ.އެންމެ ކުޑަމިނުން އެސިޔާސަތުގައިވާ އެންމެ ކުޑަމިންވަރު ހުރިހާ އިދާރަތަކުންވެސް ހާޞިލްކުރުމަށް ކޮމިޝަނަރ ގޮވާލެއްވިއެވެ. އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އޭރުންވެސް އެސަލާމަތްކުރެވެނީ ވަރަށްގިނަ ވަގުތުކަމަށާއި، ކޮންމެ އޮފީހެއްގެވެސް ވެބްސައިޓްގައި އެމިންވަރަށް މައުލޫމާތު ހާމަކުރައްވަމުން ގެންދެވުމުން ހުރިހާ އެންމެންގެ ވަގުތުވެސް ސަލާމަތްކުރެވި، ފަސޭހަވެގެންދާނެކަމަށެވެ. މިޖަލްސާގައި އޭސީސީގެ ފުރަތަމަ 101 ސުވާލާއި ޖަވާބު އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ނެރެދެއްވިއެވެ.  އޭސީސީގެ މީޑިއާ ޕޮލިސީއާއި ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މައުލޫމާތުދެއްވައެވެ.