ޚަބަރު

އިންޑިޔާގެ އިތުރު ސްޓޭޓުތަކެއް ފުރަބަންދުކޮށްފި


އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ޙާލަތު ގޯސްވެފައިވާ ގިނަ ސްޓޭޓުތަކެއް އަލުން ފުރަބަންދުކޮށްފިއެވެ.

އެމެރިކާއާއި ބުރެޒިލަށްފަހު ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 879،487 މީހުންނަށް ކޯވިޑް-19 ޖެހި، 23،194 މީހުންވަނީ މަރުވެފައެވެ. މާރިޗު މަހުގެ 24ވަނަ ދުވަހު މުޅި ޤައުމު ފުރަބަންދު ކުރުމަށްފަހު، މެއި މަހުގެ 30ވަނަ ދުވަހުން ފެށިގެން އެކި ސްޓޭޓުތަކުންވަނީ ފުރަބަންދު އުވާލަން ފަށައިފައެވެ.

ބެންގަލޫރުގައި ބަލިފެތުރޭ މިންވަރު އިތުރުވުމުން ޖުލައި މަހުގެ 14ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހާ ހަމައަށް އެ ސިޓީ އަލުން ފުރަބަންދުކުރަން ކަރުނަޓަކާ ސްޓޭޓުންވަނީ ނިންމައިފައެވެ. އަދި ބަލި ފެތުރޭ މިންވަރު ދަށަށްނުދާތީ އައްސާމު ސްޓޭޓުގެ ކަމްރޫޕުގައި އިޢުލާނުކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ޖުލައި މަހުގެ 12 ވަނަ ދުވަހު ހަމަވުމުން، އިތުރު އެއް ހަފުތާއަށް އެ ސަރަޙައްދު ފުރަބަންދު ކުރަންވަނީ ނިންމައިފައެވެ. އޭގެ އިތުރުން އަރުނަޗަލް ޕްރަދޭޝްގައި އިޢުލާނުކޮށްފައިވާ ފުރަބަންދުވެސްވަނީ ޖުލައި މަހުގެ 20ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. އިންޑިޔާގެ އިތުރު ސްޓޭޓުތަކެއްވެސްވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން އުއްތަރުޚަންދުގައި ތިން ދުވަހުގެ ފުރަބަންދެއް އަދި މެގަލަޔާގައި ދެ ދުވަހުގެ ފުރަބަންދެއްވަނީ އިޢުލާންކޮށްފައެވެ.އަދި ކަޝްމީރުގެ ބައެއް ސަރަޙައްދުތައްވެސްވަނީ ފުރަބަންދުކޮށްފައެވެ.

އުއްތަރު ޕްރަދޭޝާއި އޮޑިޝާއާއި މަހަރާޝްތުރާއާއި ކެރެލާއާއި ވެސްޓު ބެންގޯލް އަދިވެސް އޮތީ ފުރަބަންދުކޮށްފައެވެ.