ޚަބަރު

ޝަހީދުވެސް ސިވިލް ސަރވިސް ކޮމިޝަނުން އިސްތިއުފާ ދެއްވައިފި


ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ކޮމިޝަންގެ ނައިބް ރައީސް ޝަހީދު މުޙައްމަދު ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަހީދު އިސްތިއުފާ ދެއްވާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގޮސްފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. ނަމަވެސް މިހާރު ކަންކަން ވާގޮތުން މަޤާމުގައި އިތުރަށް ދެމިހުރުމަކީ ގަބޫލުކުރެވޭ ކަމެއްކަމަށް ނުފެންނާތީ ކޮމިޝަނުން އިސްތިއުފާ ދެއްވާކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނައިބް ރައީސް ޝަހީދު މުޙައްމަދު އިސްތިއުފާ ދެއްވާފައިވާއިރު މެމްބަރު ޒަކަރިއްޔާ ޙުސައިނާއި ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމްވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުން ވަކިކުރަން ނިންމާފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން 3 މެމްބަރަކު ވަނީ ވޯޓަށް އެހުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ހުންނެވީ އެންމެ މެމްބަރެކެވެ. އެއީ މިސަރުކާރުން ކޮމިޝަނަަށް އައްޔަން ކުރެއްވި މެމްބަރު އާމިރާ އެކަންޏެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.