ކުޅިވަރު

މިއީ އެންމެ އުނދަގުލުން ހޯދި ރަން މެޑަލް - ބޯލްޓް




ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި މިފަހަރު
ލިބުނު ރަން މެޑަލްއަކީ ހަޔާތުގައި އެންމެ އުނދަގުލުން ހޯދި މެޑަލް ކަމަށް
ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ބުނެފިއެވެ.

ޗައިނާގެ ބެއިޖިންގައި
ސަތޭކަ މީޓަރ ދުވުމުން ރަން މެޑަލް ހޯދުމަށްފަހު ބޯލްޓް ބުނީ އަނިޔައިން
އެނބުރިއައިސް މިކާމިޔާބީ ހޯދުން ވެގެންދިޔައީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު
ގޮންޖެހުމަށް ކަމަށެވެ.



" މެޑަލް އަލުން ދިފާޢު ކުރުމަކީ ލިބޭ ވަރަށް
ބޮޑު ހިތް ހަމަ ޖެހުމެއް. އެކަމަކު މިފަހަރު އަހަރެން އައީ ވަރަށް ގިނަ
ގޮންޖެހުންތަކާ ކުރިމަތިލާން. އަނިޔާއިން އެނބުރިއައިސް މެޑަލް ހޯދުމަކީ ދިމާވާނެ
ވަރަށް އުނދަގޫކަމެއް" ބޯލްޓް ބުންޏެވެ.



ވަރލްޑް
އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 100މީޓަރ ދުވުމުގެ ރަން މެޑަލް ބޯލްޓް ހޯދީ 9.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. 100މީޓަރ
ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް އަންނަނީ ދެހާސް އަށްވަނަ
އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ބޮޑު މުބާރާތެއް ކާމިޔާބުކުރަމުންނެވެ.